ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި މިނިވަން ޖޫޑިޝިއަރީއަކަށް ފުރުސަތު ދިނުމަށް އިންޑިއާ އަދި ކެނެޑާގެ ސަރުކާރުން ގޮވާލައިފިއެވެ.
މި ދެ ގައުމު ގުޅިގެން ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނިއުޅެމުންދާ ކަންކަމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި ހަމައެހެންމެ އެކަމާއި ގުޅިގެން ދެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ ޖުޑިޝިއަރީގެ މިނިވަންކަމާއި ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ހިފެހެއްޓިފައިވާ ހިފެހެއްޓުން އެ ދެ ބޭފުޅުން ވެސް ވަނީ ކުށްވެރި ކުރައްވާފައެވެ. ވަކިން ހާއްސަކޮށް އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމަކީ ބައިނަލަގްވާމީ ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ދެ ގައުމު ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވީހާ ވެސް އަވަހަށް އުވާލައި ޑިމޮކްރެޓިކް އިދާރާތަކަށް މިނިވަންކަމާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައްވާފައެވެ. ހަމައެހެންމެ އިންސާފުވެރިކަމާއި މިނިވަންކަމާ އެކު ޖުޑީޝިއަރީއަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ވެސް މި ދެ ބޭފުޅުން ވަނީ ގޮވާލައްވާފައެވެ.
އިންޑިއާ އަދި ކެނެޑާއިން މިފަދައިން ބަޔާނެއް ނެރެފައިވާއިރު ރާއްޖޭގެ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ ހައްޔަރުކުރެވިފައެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް އިތުރު ކުރުމަށް ނިންމާފައެވެ.