އުތުރު ކޮރެއާ އާއި ރާއްޖޭގެ މައްސަލައިގައި އިންޑިއާ އާއި ކެނެޑާ ޚިޔާލު އެއްގޮތްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މޯދީ އާއި ޓްރޫޑޯ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން، މޯދީ ވިދާޅުވީ ތިން ކަމެއްގައި އިންޑިއާ އާއި ކެނެޑާގެ ވިސްނުން އެއްގޮތް ކަމަށެވެ.
އެގޮތުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތަކުގެ މިނިވަންކަމުގެ އިތުރުން އުތުރު ކޮރެއާގެ މައްސަލައިގައި އިންޑިއާ އާއި ކެނެޑާގެ ވިސްނުން އެއްގޮތް ކަމަށް މޯދީ ވިދާޅުވިއެވެ.
އިންޑިއާ އިން ދަނީ ރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަށާއި ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލަމުންނެވެ. އަދި ކެނެޑާ އިން ވެސް ވަނީ ބޮޑު ވަޒީރު ޓްރޫޑޯގެ ދަތުރުފުޅާ ދިމާކޮށް، ރާއްޖޭގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ކެނެޑާ އިން ވަނީ ބަޔާނެއް ނެރެފައެވެ.
ރާއްޖޭގެ މައްސަލައިގެ އިތުރުން އިންޑިއާ ކަނޑުގެ މައްސަލައިގައި ހުޅަނގުގެ ޤައުމުތަކުން ބަލައިގަންނަނީ އިންޑިއާގެ ސިޔާސަތެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވެފައިވާ އިރު އިންޑިއާ އިން ދަނީ 1 ފެބަރުއަރީގަ ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް ރާއްޖެ އިން ބުނެފައި ވަނީ އިންޑިއާ އިން ނެރެމުންދާ ބަޔާންތަކުން މައްސަލަ އިތުރަށް ގޯސްވަމުންދާ ކަމަށެވެ.