ރ. މަޑުއްވަރީން އިރުއިރުކޮޅާ ކަރަންޓް ކެނޑި، ގެތަކުގެ ބައެއްތަކެއްޗަށް ގެއްލުން ވަމުންދާތީ އެ ރަށު ރައްޔިތުން ރުޅިގަދަވެ، އިންޖީނުގޭގައި ތަޅު އަޅުވައިފިއެވެ.
މަސް ދުވަހަށް ވުރެ ގިނަ ދުވަސްވީ ކަރަންޓް މައްސަލައަށް ހައްލެއް ނުލިބޭ ކަމަށް ބުނެ، މަޑުއްވަރީ ބަޔަކު ވަނީ އެ ރަށު އިންޖީނުގެ ކައިރިއަށް އެއްވެ، އިންޖީނުގެއަށް ވަންނަ މައި ދޮރުގައި ތަޅު އަޅުވާފައެވެ. އިންޖީނުގޭގެ މައި ދޮރުގައި ތަޅު އެޅުވިނަމަވެސް އިންޖީނުގޭގެ މަސައްކަތަކަށް ބުރުލެއް ނާރައެވެ. މަޑުއްވަރީ އިންޖީނުގެ ކައިރިއަށް މީހުން އެއްވެ، އަޑުއުފުލަން ފެށުމުން، ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.
މަޑުއްވަރީ ކައުންސިލްގެ ރައީސް އަބްދުﷲ އަހުމަދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ތިން ޖަނަރޭޓަރެއް ބޭނުންކޮށްގެން އެ ރަށަށް ކަރަންޓް ދެމުންދިޔަ ނަމަވެސް، ރަށުގެ އާބާދީ ބޮޑުވެ، ގޭބީސީތަކުގެ އަދަދު ގިނަވުމުން ޖަނަރޭޓަރުތައް އޯވަލޯޑްވަމުންދާ ކަމަށެވެ. ފެނަކައިން ހިންގާ އިންޖީނުގޭގެ ޖަނަރޭޓަރުތައް އޯވަލޯޑުވެ، އިރުއިރުކޮޅާ ކަރަންޓް ކެނޑެމުންދާތީ އިލެކްޓްރޯނިކް ބައެއް ސާމާނުތަކަށް ގެއްލުންވަމުންދާތީ ކައުންސިލަށް ޝަކުވާ ލިބެމުންދާ ކަމަށް އަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލައާ ގުޅޭ ގޮތުން ސަރުކާރުގެ މުއައްސަސާތަކަށާއި ކުންފުނިތަކަށް އެ މައްސަލަ ހުށަހެޅުމުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށެވެ. ކައުންސިލްގެ ތިން މެމްބަރުންނަކީ ވެސް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ތިން ކައުންސިލަރުންނަށްވުމުން ސަރުކާރުން އެ ކައުންސިލަށް އެއްބާރުލުން ނުދޭ ކަމަށް އަބްދުﷲ އަހުމަދު ވިދާޅުވިއެވެ.