ދައުލަތުގެ މުހިއްމު މަސްއޫލިއްޔަތުތަކާއި ޒިންމާތައް މަތިކުރެވިފައިވާ މަގާމުތަކުގައި ތިއްބެވި އެންމެހާ ފަރާތްތަކުން، ބިރަށް ޖެހިލުންވެ ވަޑައިނުގެން، ގާނޫނުއަސާސީ ދިފާއުކުރައްވައި، މަސައްކަތް ކުރުމަށް އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ ރާއްޖެ މިވަގުތު ވެއްޓިފައިވާ ހާލަތަކީ ރާއްޖެއަށް ރަނގަޅުގޮތެއް ނޫންކަމަށް މިހާރު ދެބަސްވެވާނެ ޖާގައެއް ނެތް ކަމަށެވެ.
ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނީ ގާނޫނުއަސާސީގައިވާގޮތުގެ މަތިންކަމަށާއި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމާއި، ގާނޫނުއަސާސީގައި ބަޔާންވެގެންވާ އައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ މައްޗަށް ވާޖިބުވެގެންވާކަމެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަން މި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޣައިރުގާނޫނީ އަމުރުކުރުމާއި، ޣައިރުގާނޫނީ އަމުރަށް ތަބާވުމަކީވެސް ގާނޫނުއަސާސީން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް ކަމަށާއި ގާނޫނުއަސާސީއާ ހިލާފުވެވަޑައިނުގަތުމަށް ދައުލަތުގެ މުއައްސަސާތަކަށާއި ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ގޮވާލާ ކަމަށް އެމްޑީޕީ އިން ބުނެއެވެ.
ރައްޔިތުންގެ ސަލާމަތާއި، ރައްޔިތުންގެ މަންފާއާއި، އާންމު މިނިވަންކަން ދިފާއުކުރުމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ޤާނޫނުއަސާސީއަށާއި ގާނޫނަށް ހަމައެކަނި ތަބާވުމަށް ގާނޫނުއަސާސީން ލާޒިމުކޮށްފައިވާގޮތަށް، ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ އެކިއެކި މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކުން އަމަލުކުރެއްވުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.