ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ 30 އަށް ވުރެ ގިނަ ވަކީލުން ޕެޓިޝަނެއް ހަދާ ސޮއިކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި ޕީޕީއެމް އެމްޑީއޭގެ ޕީޖީ ގުރޫޕުން އެކަން ބަލައި ނުގަންނަ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސައްހަ ކަމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވަނިކޮށް ޕީޖީ އޮފީހުގެ ބައެއް ވަކީލުން މަޖިލިސްގެ ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް ދައްކަން ޕެޓިޝަންގައި ސޮއިކުރުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
ޕީޖީގެ ވަކީލުން ސޮއިކުރައްވި ޕެޓިޝަނަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ނިންމެވި ނިންމެވުމުން ބަދަލު ނުކުރެއްވުމަށް އެދި ސޮއިކުރެއްވި ޕެޓިޝަނެވެ.
ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކެވަޑައިގަންނަނާތީ މިހާރު ކުއްލި ހާލަތު ނެތް ކަމަށް ވިދާޅުވެ ބިޝާމް ވަނީ ސިޓީއެއް ފުލުހުންނަށް ފޮނުވާފައެވެ.
އެ ސިޓީގައި ފުލުހުންނަށް ބިޝާމް ލަފާދެއްވާފައި ވަނީ މިހާރު ކުއްލި ހާލަތު އޮތް ކަމަށް ގަބޫލު ނުކުރައްވާތީ ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި އެންމެން ބަންދު ޖެހުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރި މައްޗަށް ހާޒިރު ކުރެއްވުމަށެވެ. އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ބިޝާމަށް އެގޮތަށް ލަފާ ނޭރުވޭނެ ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް ފުލުހުންގެ އިސްވެރިން ވަނީ ބިޝާމަށް އަންގަވާފައެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި ބިޝާމް ފުލުހުންނަށް ސިޓީ ފޮނުވުމުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ޕީޖީ އޮފީހަށް ވަޑައިގެން ބިޝާމްގެ ނިންމެވުން ބަދަލުކުރެއްވުމަށް ބައްދަލުކުރެއްވިއެވެ. ޕީޖީގެ ވަކީލުން ޕެޓިޝަނުގައި ސޮއި ކުރެއްވީ އާޒިމާ، ބިޝާމާ ބައްދަލުކުރެއްވުމުން ކަމަށް ވެސް އަޑުތައް ފެތުރިފައިވެއެވެ. ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ބިޝާމް ވަނީ ރައީސް އޮފީހަށް ވެސް ހާޒިރުކޮށްފައެވެ.
ޕީޖީގެ ވަކީލުން ޕެޓިޝަނެއް ތައްޔާރުކޮށްފައިވާ އިރު އެއީ ބޭކާރު ކަމެއް ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. އަދި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައިވާ އިރު ކުއްލި ހާލަތު ސައްހަ ނޫން ކަމަށް ޕީޖީ އަށް ވިދާޅުނުވެވޭނެ ކަމަށެވެ.