ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލި ގޮވާލުން ތަކުރާރު ކުރައްވާ، އަސާސީ ހައްގުތަކާއި މިނިވަންކަން އިއާދަކޮށް، ޑިމޮކްރަސީގެ މަގަށް ރުޖޫޢަ ވުމަށް ކެނަޑާއިން ގޮވާލައިފި އެވެ.
ކެނަޑާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން ކުރެއްވި ޓްވީޓެއްގައި ވަނީ، ނޫސްވެރިންނާއި މުޒާހަރާތަކުގައި ބައިވެރިވާ އާއްމުންނާއި ދެކޮޅަށް ހިންގާ ހަމަނުޖެހުން އިތުރުވެ، މުޒާހަރާތަކުގެ ތެރޭގައި ނޫސްވެރިންނާއި އާއްމުން ހައްޔަރު ކުރުން އިތުރުވަމުންދާ ކަމުގެ ރިޕޯޓްތަކާއި ގުޅިގެން ކަންބޮޑުވާ ކަމަށެވެ.
Concerned by reports of increasing violence, targeting + arrests of journalists and protesters in #Maldives. Canada continues to call for the lifting of the SOE, restoration of fundamental rights and freedoms, and a return to democracy. #MaldivesInCrisis
— David McKinnon (@McKinnonDavid) February 23, 2018
އަދި ކުއްލި ހާލަތު އުވާލައި، ޑިމޮކްރެސީގެ މަގަށް ރުޖޫއަ ވުމަށް ކެނަޑާއިން ގޮވާލާ ގޮވާލުން މެކިނަން ތަކުރާރު ކުރެއްވި އެވެ.
ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މީގެ ކުރިންވެސް މެކިނަން ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.
ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ރައީސް ޔާމީން އިއުލާން ކުރެއްވި 15 ދުވަހުގެ ކުއްލި ހާލަތާއި ގުޅިގެން އދ. އާއި އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، އިންޑިއާ ފަދަ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް، ކުއްލި ހާލަތު އުވާލުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.
ރައީސް ޔާމީން ފުރަތަމަ އިއުލާން ކުރެއްވި ކުއްލި ހާލަތުގެ މުއްދަތު ހަމަވުމާއެކު، ކުއްލި ހާލަތު އިތުރު 30 ދުވަހަށް ދައްމާލުމަށް ރައީސް ޔާމީން ނިންމެވި ނިންމެވުމާއި، ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އުސޫލުތަކުގެ ބޭރުން ރައްޔިތުންގެ މަޖިލީހުން ކުއްލި ހާލަތުގެ ގަރާރު ފާސް ކުރުމާއި ގުޅިގެންވެސް ބައިނަލްއަޤްވާމީ މުޖުތަމައުގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ.