ސުޕްރީމް ކޯޓު މެދުވެރިކޮށް ރައްޔިތުންގެ މަޖިޅިހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޭއިންސާފާއި އަނިޔާއާ ދެކޮޅަށް ތެދުވާ ރައްޔިތުން ގިނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާއިގެ މެންބަރު އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިއާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލާނެ ކަމަށް ރައީސް ޔާމީން، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ބޭފުޅުންގެ ގާތުގައި ވިދާޅުވި ކަމަށް އަޑުފެތުރެމުންދާ ކަމަށެވެ.
އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނާނެ ކަމަށް ރައީސް ޔާމީން ހީފުޅުކުރެއްވި ނަމަވެސް، އެކަން އެގޮތަށް ހިނގައިފިނަމަ، އެމަނިކުފާނުގެ ސަރުކާރުގެ ބޭއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށް ނުކުންނާނެ މީހުން ވަނީ ގިނަ ކަމަށް މާރިއާ ވިދާޅުވިއެވެ.
Honestly MrPrez, if the SC Ruling next Tuesday unseats the 12MPs (as reported by social media as you having told your PG Group); it doesn’t as you think put fear in the people, but makes more people rise against the injustice & tyranny of your regime #MaldivesInCrisis
— Mariya Didi (@MariyaDidi) February 23, 2018
މާރިއާ މިފަދައިން ވިދާޅުވެފައިވާއިރު، ބުރާސްފަތި ދުވަހު ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އަދި ހަމަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ ސަރުކާރުން އެ 12 މެންބަރުންގެ މަޤާމާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައެއް، ފެބްރުއަރީ 27 ވަނަ ދުވަހަށް ތާވަލް ކޮށްފައެވެ.