ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ ކުރިއށްގެންދިޔަ މުޒާހަރާގައި މ. ކުނޫޒު ސަރަޙައްދުން ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި ކަމަށް އޭނާގެ އާއިލާ އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ފުލުހުން ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ފިޓުޖެހި، ހޭނެތި, ކޯމާއަކަށް ގޮސްފައި ވަނީ މ. ގޯނބިލިގަސްދޮށުގޭ، ޢަބްދުﷲ ސަލީމެވެ.
ރާއްޖެއެމްވީއަށް މަޢުލޫމާތު ދެމުން ސަލީމްގެ ބޭބެ ބުނީ، ފުލުހުން ސަލީމްގެ މޫނަށާއި ގަޔަށް ޕެޕަރސްޕްރޭ ޖެހީ އޭނާ މ. ކުނޫޒު ކައިރީގައި ހުއްޓައި ކަމަށެވެ. އަދި ޕެޕަރ ސްޕްރޭ ޖެހުމުން އޭނާ ފިޓުޖެހުނު ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ދެފަހަރަކު ބޯ ގުޑުވާލި ނަމަވެސް، އޭގެ ފަހުން އޭނާ ހޭ ނާރާ ކަމަށެވެ.
އަދި ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް ވެސް ސަލީމް ހޭއަރާފައި ނުވާއިރު، އޭނާ މިހާރު އޮތީ ކޯމާގެ ހާލަތުގައި ކަމަށް ވެސް އޭނާގެ ބޭބެ މަޢުލޫމާތު ދިނެވެ. ސަލީމްގެ ބޭބެ ބުނި ސަލީމްއަށް މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ކަމަށެވެ.
ސަލީމަކީ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތަކުގައި އާންމުކޮށް ބައިވެރިވާ ފަރާތެކެވެ.
މި ކަމާ ގުޅޭ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ބުނީ، ސަލީމްގެ މޫނަށާއި ގަޔަށް ވަރަށް ގަދައަށް ޕެޕަރ ސްޕްރޭ ޖަހައި، ފުލުހުން އޭނާއާ މެދު ހާލަތާ ނުބައްދަލު ހަރުކަށި ބަރު ބޭނުންކޮށްފައިވާ ކަމަށާއި، އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އެ ޕާޓީން ވަނީ ފުލުހުންގެ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލާފައެވެ.
The MDP expresses grave concern following confirmed reports that Abdulla Saleem, M. Goabiligasdhoshuge, who was heavily pepper sprayed & manhandled by riot police last night, is in critical condition & currently being treated at IGMH ICU. The party calls to stop police brutality.
— MDP Secretariat (@MDPSecretariat) February 23, 2018
ސަލީމަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، މިކަމާ ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.