މިމަހުގެ 16 ވަނަ ދުވަހު އެމްޑީޕީ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުމުގައި އަތް ބިންދައިގެން ގޮސްފައިވާ ބ. ތުޅާދޫގެ ކުރީގެ ކައުންސިލަރ މުހައްމަދު އުސްމާން އިތުރު ފަރުވާއަށް އިންޑިއާއަށް ފުރައިފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އޭނާ ފުރާފައި ވަނީ މިއަދު ހެނދުނުއެވެ.
އުސްމާނަށް އަނިޔާވީ އެއްވުމުގެ ތެރޭގައި އެމްޑީޕީ ހަރުގެ ސަރަހައްދުގައި ތިބި މީހުން ފުލުހުން ދުރު ކުރަމުން ދަނިކޮށް ވެއްޓިގެން ކަމަށްވެއެވެ. އުސްމާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެންމެ ފުރަތަމަ ކައުންސިލަރުން އައްޔަންކުރެއްވި އިރު ބ. ތުޅާދޫ ތަމްސީލުކުރެއްވި ކައުންސިލަރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުސްމާނު އިތުރު ފަރުވާއަށް ފުރާފައި ވަނީ އިންޑިއާގެ ކޮޗިންއަށެވެ. އުސްމާނަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު ގުޅިފައިވާ ޕާޓީތަކުން ބޭއްވި ވޯމްއަޕް މުޒާހަރާގައެވެ.