މިހާރު އަސްލު ޕޮލިސް ކަމިޝަނަރަކީ ރައީސް އަބްދުﷲ ޔާމީނު ކަމަށާއި ފުލުހުން ލަދު ގަންނަން ޖެހޭ ކަމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި ޓްވީޓަކާ ގުޅިގެން ނިމިގެންދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވަޒީފާ އިން ވަކިކުރި އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް ހުކުރުދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިދާރީ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ރައީސް ޔާމީނަށް ރިޕޯޓް ކުރަންޖެހުމަކީ ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.
ފައިރޫޝް ކުރެއްވި އެޓްވީޓުގައި ވިދާޅުވީ ހުރިހާ އިދާރީ މައްސަލައެއް ރިޕޯޓްކުރަނީ ރައީސް ޔާމީނަށް ކަމަށާއި އޭސީޕީ އަހުމަދު އަރީފް ރިޕޯޓްކުރައްވަނީ ތަހުގީގުތަކާއި ބެހޭ މައްސަލަތައް ކަމަށެވެ. އަދި އޭސީޕީ އަހުމަދު ހަމްދޫން ރިޕޯޓް ކުރައްވަނީ ހުރިހާ އޮޕަރޭޝަނަލް ރިޕޯޓްތައް ކަމަށާއި އެހެންކަމުން އަސްލު ޕޮލިސް ކަމިޝަނަރަކީ ރައީސް ޔާމީން ކަމަށެވެ. ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ހިނގަން ޖެހޭ ތަނަކަށް ވާއިރު ހުރިހާ ކަމެއް ރައީސް ޔާމީނަށް ރިޕޯޓުކުރުން އެއީ ލަދުވެތި ވާންޖެހޭ ކަމެއްގެ ގޮތުގައި ފައިރޫޝް ސިފަކުރެއްވިއެވެ.
2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން ފައިރޫޝް ދިރިއުޅުއްވަމުން ގެންދަވަނީ އޮސްޓްރޭލިއާގަ އެވެ. އޭނާ މަގާމުން ވަކިކުރީ ނޯޕޭ ލީވް ނަންގަވައިގެން ސްކޮލާޝިޕެއްގައި އޮސްޓްރޭލިއާގައި ކިޔަވަން ހުންނަވަނިކޮށެވެ.