މ. ކުނޫޒު ކައިރީގައި އެއްވިއެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނާއި އާންމުންގެ ލޮލަށް ޕެޕަސްޕްރޭ ޖަހައިފިއެވެ.
ކުނޫޒް އެތެރޭގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު މީޑީއާތަކަށް އިންޓަވިއު ދެއްވަން ހުންނަވަނިކޮށް ފުލުހުންގެ ފައުޖެއް ވަދެ އެތަނުގައި ތިބި މީޑިއާތަކާއި އާމުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާފައި ވެއެވެ. އެ މަންޒަރުތައް ލައިވްކޮށް ފެނިގެންދިޔައިރު ރާއްޖެޓީވީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރާއި ކެމެރާމަނަށް ވެސް ވަނީ ޕެޕަރ ސްޕްރޭގެ އަސަރުކޮށްފައެވެ. އަދި ނަސީރަށް ނޭވާލާން އުނދަގޫވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ.
މީގެ އިތުރުން ވެސް އެތަނުގައި ތިބި ނޫސްވެރިންނާއި ކެމެރާމަނުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހާފައިވާ އިރު ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.
އޭގެ ފަހުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އިންޓަވިއު ދެއްވަން ހުންނަވަނިކޮށް ގިނަ އަދަދެއްގެ ފުލުހުން ވަދެ މީޑިއާތައް ވަނީ އެތަނުން ނެރެފައެވެ. އަދި ކުނޫޒް ނުފެންނަ ހިސާބަށް ދުރަށް ޖައްސާފައި ވެއެވެ
ކުނޫޒް ސަރަހައްދުގެ އިތުރުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ވެސް މިރޭ ފުލުހުން ހަރަކާތްތެރިވީ ވަރަށް ހަރުކަށިކޮށެވެ. އަދި އާންމުންނަށް އަނިޔާތައް ލިބިފައިވެއެވެ.
މީގެ އިތުރުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ ސީދާ ނޫސްވެރިންނަށް އަމާޒުކޮށްގެން ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ. އެގޮތުން ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން ހައްޔަރުކޮށް ބޮޑެތި އަނިޔާތަކެއް ދިނުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް، ސްރީ ލަންކާ އިން ވެސް ފަރުވާ ހޯދާފައި ވެއެވެ. ހުސައިންގެ އިތުރުން އެރޭ އެހެން ބައެއް ނޫސްވެރިންނަށް ވެސް ފުލުހުން ވަނީ އަނިޔާކޮށްފައެވެ. އެގޮތުން ބައެއް ނޫސްވެރިންގެ އަނގަމަތި ފަޅައިގެން ދިއުމާ ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ.