ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ކުރިން ކުރި ތުހްމަތު އަނބުރާ ގެންގޮސް ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތައް ވާހަކަ ދެއްކެވިކަމުގެ ތުހްމަތުކޮށްފިއެވެ.
މުސްތަފާގެ މައްޗަށް ޓެރަރިޒަމްގެ ތުހްމަތުކޮށްފައިވާކަން އޭނާއަށް އަންގައި ބަޔާން ނަގާފައި ވަނީ ބުރާސްފަތި ދުވަހުގެ ފުލުސް އޮފީހަށް ހާޒިރުކުރުމަށްފަހުއެވެ.
މި ތުހްމަތުތައް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކެއްގައި، ރައްޔިތުން ނިކުމެ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މަޤާމުން ބޭރުކޮށް، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ޤާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.
އެ ވާހަކަތަކާ ގުޅިގެން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފުލުސް އޮފީހަށް މުސްތަފާ ހާޒިރުކޮށްފައިވެއެވެ.
ބުރާސްފަތި ދުވަހު ފުލުސް އޮފީހުން ނިކުމެވަޑައިގެން މުސްތަފާގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ މީގެ ކުރިން ކޮށްފައިވާ ތުހްމަތު ބަދަލުކޮށްފައިވާކަން އަންގާފައިވާ ކަމަށާއި އަދި އެ ތުހްމަތު ބަދަލުކޮށްފައި ވަނީ ޕީޖީ އޮފީހުގެ ލަފަޔަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
"މި މައްސަލާގައި އެންމެ ފުރަތަމަ ކޮށްފައިވާ ތުހްމަތައް ބަލާއިރު އެ ތުހްމަތުގައި ދައުވާއެއް އުފުލި ކުށް ސާބިތުވެއްޖެ ކަމަށްވާ ނަމަ އަންނަ އަދަބާއި މިހާރު އެ އުފުލި ތުހްމަތުގައި އަންނަ އަދަބާ ވަރަށް ބޮޑުތަން ތަފާތު. އެ ތުހްމަތުގައި ވެސް އުފުލެން އޮތް ދައުވާއެއް އެހެން ނަމަވެސް ތުހްމަތު ބަދަލުކޮށް ޓެރަރިޒަމްގެ ދައުވާ ކުރެވޭ ގޮތައް ތުހްމަތު ބަދަލުކުރީމަ ޕްރޮސެކިއުޓާ ޖެނަރަލްގެ ވެސް ފުލުހުންގެ ޖިނާއީ އިޖްރުއާތުގެ މި ނިޒާމްގެ ތެރެއިން އެބަ ސުވާލު އުފެދޭ،" މަހްފޫޒު ވިދާޅުވިއެވެ.
މި މައްސަލާގައި ފުލުހުންނަށް ދިން ބަޔާނުގައި މުސްތަފާ ދެއްކެވި ވާހަކަގައި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާފައިނުވާނެ ކަމަށާއި ނަމަވެސް ސަރުކާރެއް ބަދަލު ކުރުމަކީ ގާނޫނީ އިމުގެ ތެރެއިން ކުރެވިދާނެ ކަމެއް ކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.
"އޭގެ އިތުރަށް ބަޔާނުގައި އަޅުގަނޑުމެން ފާހަގަ ކޮށްފައިވާނެ ރައީސުލް ޖުމްޙޫރިއްޔާވެސް ސަރުކާރެއް ވައްޓާލާ ވާހަކަ ދައްކަވާފައިވާނެ ކަމަށާއި އެ މައްސަލަ ނުބަލައި މި މައްސަލަ ބެލުމަކީ ހަމަ ހަމަ ކަމުގެ އުސޫލުން ބޭރުން ހިނގާކަމެއް ކަން،" މަހްފޫޒު ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ އޭނާގެ މައްޗަށްކުރާ ތުހްމަތު ބަދަލު ކޮށްފައި ވަނީ ޕީޖީ ބޭނުންވެގެން ނޫން ކަމަށާއި އެކަމީ ރައީސް އަބްދުﷲ ޔާމިންގެ އެންގެވުމަށް ކުރައްވާ ކަމެއް ކަމަށެވެ.
"ކުރިން ކުރި ތުހްމަތަކީ މާ ކުޑަ ތުހްމަތެކޭ، ޓެރަރިޒަމްގެ ތުހްމަތޭ ކުރަންވާނީ، އެއީ ރައީސް ޔާމިންގެ އެންގެވުމެއް ކަމަށް ދެކެނީ،" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ދެއްކެވި އެ ވާހަކަތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ.