ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ނިންމެވި ނިންމެވުމުން ބަދަލު ނުކުރެއްވުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގިނަ އަދަދެއްގެ ވަކީލުންތަކެއް ޕެޓިޝަނެއްގައި ސޮއިކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ޕީޖީ އޮފީހުގެ ވަކީލަކު ވިދާޅުވި ގޮތުގައި ޕީޖީ ބިޝާމްގެ އެ ނިންމެވުން ބަދަލު ނުކުރަން އެދި އެ ޕެޓިޝަނުގައި 31 ވަކީލަކު ސޮއި ކުރައްވާފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެން ކަމުން މިހާރު ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ޕީޖީ ބިޝާމް ވަނީ ނިންމަވާފައެވެ. އަދި މަޖިލީހުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށާއި އެހެންވެ ކުއްލި ހާލަތުގެ ދަށުން މީހުން ބަންދުގައި ބޭތިއްބޭނެ ކަމަށް އެކަމަނާ ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޕީޖީ ބިޝާމް ފުލުހުންނަށް ސިޓީއެއް ފޮނުއްވި ކަމަށް ޕީޖީ އޮފީހުގެ ބައެއް އޮފިޝަލުން ވަނީ ޔަގީންކޮށްދެއްވާފައެވެ.
މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ދެކިވަޑައިގެން ބަންޑާރަނައިބު އޮފީހުގެ ގިނަ އަދަދެއްގެ ވަކީލުންތަކެއް ވެސް ޕެޓިޝަނެއް ތައްޔާރުކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެ ޕެޓިޝަން ތައްޔާރުކުރުން ވަނީ ހުއްޓުވާފައިވާފައެވެ. އަދި އެހެންމެ އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް މުވައްޒަފަކު ވަނީ ކުއްލި ހާލަތާ މެދު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަމަލު ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަނުޖެހިގެން އިސްތިއުފާ ދެއްވައިފައެވެ. އަދި އެ އޮފީހުގެ އެހެން ވަކީލަކު ވަނީ ކުއްލި ހާލަތު އިއުލާންކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެއީ ރައްޔިތުންގެ އޭގެ، މައްޗަށް އަމަލު ކުރަން ޖެހޭ މައްސަލައެއް ނޫން ކަމަށް ބަލައިގެންނެވެ. އަދި އެ ނިންމުން ގާނޫނޫ އަސާސީއާ ހިލާފު ކަމަށް ގިނަ ވަކީލުން ދެކިވަޑައިގަންނަވައެވެ.