ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު ސައިފް ހުސައިން އާއި އިތުރު ފުލުހަކު ހައްޔަރުކޮށްފިއެވެ.
ސައިފް ހައްޔަރު ކުރުމުގެ ކުރިން އޭނާ ހުރީ މަސައްކަތުން އެކަހެރިކޮށްފައެވެ. ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު، ދ. ވާނީއަށް ސައިފް ގެންގޮސްފައި ހުއްޓާ އޭނާ މާލެ އައީ ވަރަށް ފަހުންނެވެ.
އޭނާ ހައްޔަރު ކުރި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ސީދާ ކޮމެންޓެއް ނުކުރެއެވެ. ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިފާން ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެ ފުލުހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސައިފް ހައްޔަރު ކުރީ ހ. ކިނބިމާގޭގައި ހުއްޓާ، ބުރާސްފަތި ދުވަހުގެ ރޭ 11 ޖަހަން އުޅެނިކޮށެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވި ވަގުތު ސައިފް ހުރީ ވަރަށް ހަމަޖެހިލައިގެން ހިނިތުންވެފައެވެ.
ސައިފު ހައްޔަރު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.
ސައިފަކީ 2010 ވަނަ އަހަަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް މުޒާހަރާތައް ރޫޅާލުމުގައި އުޅޭ އެސްއޯ ފުލުހުންނަށް ކޮމާންޑު ކުރުމުގައި އިސްކޮށް އުޅުއްވާ އޮފިސަރެވެ. އޭނާއަކީ އެސްއޯގެ ސްވޮޓް ޓީމުގެ ކޮމާންޑަރު ވެސްމެވެ.