ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް މަޖިލީހަށް ވަދެވަޑައިގެންނެވުމަށް ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުން ހުރަސް އަޅަމުންދާތީ، އެކަން ހުއްޓުވެނެ ފަދަ އަމުރެއް ސުޕްރީމް ކޯޓުން ނެރެދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެ މެމްބަރުން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން އެ 12 މެމްބަރުންނަށް ހުރަސް އަޅަމުންގެންދާތީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސުޕްރީމް ކޯޓުގައި ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވުމަށް ފަހު ނިކުމެވަޑައިގެން އެ މެމްބަރުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރުމަށް އެދިފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އެކަން ހާސިލްވެފައިނުވާ ކަމަށެވެ.
އެ މެމްބަރުން ވިދާޅުވީ ފަނޑިޔާރުންނާ ބައްދަލު ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމް ފަނޑިޔާރުންނާ ހަމައަށް މިހާރު ފޯރާފައިވާ ކަމަށެވެ. އަދި މިދުވަސްކޮޅު ފަނޑިޔާރުން އުޅުއްވަނީ ވަރަށް "ބިޒީ" ކޮށް ކަމަށާއި ވަގުތެއް ވީހާ އަވަހަށް ބައްދަލު ކުރައްވާނެ ކަމުގެ މައުލޫމާތު ސުޕްރީމް ކޯޓުގެ މުވައްޒަފުން ދެއްވާފައިވާ ކަމަށެވެ.
މެމްބަރުން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ގާނޫނީ އިމުގެ ތެރެއިން ނިމުމުގެ ވަގުތު ވަރަށް ކައިރިވެއްޖެ ކަމަށާއި ކޮންމެ ރެއަކު މިހާރު ބާއްވަމުންދާ އެއްވުންތަކުގައި މިހާރަށް ވުރެ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ ވަރަށް މުހިއްމު ކަމަށެވެ.
އެ މެމްބަރުން ވިދާޅުވީ ވީހާ ވެސް ގިނަ ބަޔަކު އެމްޑީޕީގެ ހަރުގެ ސަރަހައްދަށާއި މަގުތަކަށް ނިކުތުމަކީ މި އަނިޔާވެރި ސަރުކާރުން ގާނޫނީ އިމުގެ ތެރެއިން ބަދަލު ކުރެވޭނެ ވަރަށް ފަސޭހަ ގޮތެއް ކަމަށެވެ. އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީ އިން ލިބިދޭ އަސާސީ ހައްގެއް ކަމަށާއި އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އަނިޔާވެރި ވެރިންގެ ކިބައިން ސަލާމަތްވުމަށް ކުރެވޭ ވަރަށް މުހިއްމު ކަމެއް ކަމަށް އެ މެންބަރުން ފާހަގަކުރެއްވިއެވެ.