ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އަދި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު، ޚާން ލިޒޯންގ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ވަދެވަޑައިގަންނަވައިފިއެވެ.
މި ތިން ބޭފުޅުން ވެސް ރައީސް އޮފީހަށް ވަދެވަޑައިގެންނެވި މަންޒަރު ފެނިފައިވާ ބައެއް ފަރާތްތަކުން ވަނީ ރާއްޖެ އެމްވީއާ އެކަން ހިއްސާ ކޮށްފައެވެ. އަދި ރައީސް އޮފީސް ތެރެއަށް ޗައިނާ ސަފީރު ވަދެވަޑައިގެންނެވި މަންޒަރާއި ނުކުމެވަޑައިގެންނެވި މަންޒަރު ވަނީ ރާއްޖެ އެމްވީއަށް ވެސް ފެނިފައެވެ.
މި ތިން ބޭފުޅުން ރައީސް އޮފީހަށް ވަޑައިގަންނަވާފައި މިވަނީ ރާއްޖޭގައި މިހާރު ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ޕީޖީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ސިފައިންނާއި ފުލުހުންނަށް ޣައިރު ޤާނޫނީ އަމުރުތައް ކުރާ ކަމަށާއި ކަންކަން ހިނގަނީ ޤާނޫނީ އިމުން ބޭރުން ކަމަށް ބައެއް ސިފައިންނާ ފުލުހުން ވެސް ވާހަކަ ދައްކާ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްއެވެ.
ޗައިނާ ސަފީރު ރައީސް އޮފީހަށް ވަޑައިގަންނަވާފައި މިވަނީ ދިވެހި ސަރުކާރުން ޗައިނާގެ އަސްކަރީ އެހީތެރިކަމަށް އެދިފައިވާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުގައި ޚަބަރު ފެތުރިފައި ވަނިކޮށެވެ.