ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވެފައިވާތީ ސަރުކާރައި އިދިކޮޅު ފަރާތްތަކާއި ދެމެދު މެދުވެރިއެއްގެ ރޯލް އަދާކުރުމަށް އދ. އިން ހުށައެޅި ހުށައެޅުން ބަލައި ނުގަންނަން ސަރުކާރުން ނިންމައިފިއެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރޭޒްގެ ތަރުޖަމާނުގެ ނައިބު، ފަރުހާނު ހައްޤު އާއި ހަވާލާދީ، ހިންދުސްތާނު ޓައިމްގައި ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި ދެމެދު މަޝްވަރާތައް ބާއްވައި، އެ މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލް އަދާކުރުމަށް އދ. އިން ހުށައެޅުމުން، ރައީސް ޔާމީން އެ ހުށަހެޅުން ބައްލައިވައިނުގެންނެވި ކަމަށެވެ.
"ޔޫއެން ސެކްރެޓަރީ ޖެނެރަލް ހުށައެޅުއްވި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މެދުވެރިއެއްގެ ރޯލް އދ. އިން އަދާކުރުމަށް. އެކަމަކު ރައީސް ޔާމީން ވިދާޅުވީ މި ސްޓޭޖްގައި މެދުވެރިއަކު އަދި ބޭނުން ނޫންކަމަށް" ހައްޤު ވިދާޅުވިއެވެ.
މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ ބުދަ ދުވަހުގެ ހަމަވިފަހުން އިތުރު 30 ދުވަހަށް އެ ހާލަތު އިތުރުކޮށްފައިވާތީ އެކަމާއި ކަންބޮޑުވާ ކަމަށާއި، ރާއްޖޭގެ ހާލަތު ވަރަށް ގާތުން އދ. ގެ ސެކްރެޓަރީ ޖެނެރަލް ބައްލަވަމުން ގެންދަވާކަމަށް ހައްޤު ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރައީސް މުހައްމަދު ނަޝީދާއި ކުރިގެ ނައިބުރައީސް އަޙުމަދު އަދީބާއިއެކު އިތުރު 7 ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ކުރި އަމުރަށްފަހު، އެ އަމުރު ތަންފީޒުނުކޮށް، ފެބުރުއަރީ ފަސްވަނަ ދުވަހު ގައުމުގައި ކުއްލި ހާލަތު އިޢުލާނުކޮށް އުއްތަމަ ފަނޑިޔާރާއި، ސްޕުރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫނުގެ އިތުރުންވެސް ގިނަ ބަޔަކު ހައްޔަރުކޮށްފައިވާތީ އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލަތަކުގެ ތެރޭގައި ސަރުކާރުން މަޝްވަރާއަށް ދެފަހަރެއްގެ މަތިން އެދިފައިވަނިކޮށް، އިދިކޮޅު ފަރާތްތަކުން ވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރޭޒައަށް މަޝްވަރާތަކުގެ މެދުވެރިއެއްގެ ރޯލް އަދާކޮށްދެއްވުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުވާފައެވެ.
ރާއްޖޭގައި ޑިމޮކްރަސީ އިއާދަކޮށް ސިޔާސީ މަސްރަހު ފިނިކުރުމަށް ދެފަރާތުން މަޝްވަރާކުރުމަށް މިމަހުގެ ކުރީ ކޮޅު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގުޓްރޭޒް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ. އަދި އެކަމުގައިވެސް މެދުވެރިއެއްގެ ރޯލް އަދާކުރުމަށް އދ. އޮތީ ތައްޔާރަށްކަމަށް އެމަނިކުފަނު ވަނީ ވިދާޅުވެފައެވެ.
އދ. ގެ ހުށައެޅުން ސަރުކާރުން ބޮލާލައި ޖަހާފައިވާއިރު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި، ސަރުކާރު ހިންގާ ޕިޕީއެމުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަމަށް މީގެ ކުރިން އެތަށް ފަހަރެއްގެ މަތީން ބުނެފައިވެއެވެ. އަދި އިދިކޮޅު ފާރާތްތަކުންވެސް ބުނަމުން ދަނީ އިޚްލާސްތެރިކަމާއިއެކު ސިޔާސީ ލީޑަރުންވެސް ބައިވެރިވެވޭގޮތަށް މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތްކަމަށެވެ.