ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން، މުހައްމަދު ނަދީމަށް ޑޮކްޓަރުންގެ ލަފަޔާއިއެކު ކަސްރަތު ކުރާނެ ބޫޓެއް ފޮނުވުމަށް "މަތިން" އަދިވެސް ހުއްދަ ނުލިބޭ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އޭނާގެ ޤާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު ރާއްޖެއެމްވީއަށް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަނބިދަރިކަލުން ނަދީމަށް ބޫޓެއް ފޮނުވުމަށް އޭނާގެ އާއިލާއިން މަސައްކަތް ކުރިކަމުގައި ވިއަސް އެކަން ވެފައިނުވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން ރޭވި ކަމުގެ ތުހުމަތުގައި ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ނަދީމް ހައްޔަރުކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެރޭ ސަރުކާރުން ކުއްލި ހާލަތު އިއުލާންކުރިތާ މާގިނަ އިރެއް ނުވަނީހެވެ.
ސިރާޖު ވިދާޅުވީ ނަދީމަށް ކަސްރަތު ކުރާ ބޫޓެއް ފޮނުވުމަށް މަސައްކަތް ކުރިނަމަވެސް "މަތިން އަދި ހުއްދަ ނުލިބޭ" ކަމަށް ފުލުހުން ބުނެފައި ވާކަމަށެވެ. އެހެންކަމުން އެއީ ކޮންމެ މީހަކަށްވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށްވާއިރު ބޫޓެއް ފޮނުވުމަށް އަޅަމުންދާ ހުރަސްތަކާ ގުޅިގެން ސިރާޖް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.