އިދިކޮޅު ފަރާތްތަކުގެ އެއްވުމުގައި ހައްޔަރު ކުރެވުނު، އިބްރާހިމް ރަޝީދު މޫސާ (ބްރޯ) ހުންނެވީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއްގައި ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ ކްލައެންޓް، އިބްރާހިމް ރަޝީދު މޫސާ (ބްރޯ) ބަނޑުހައި ހޫނުކަމުގެ އަޅުތާލެއްގައި ހުރިކަން އަންގާފައިވާ ކަމަށެވެ. މިގޮތަށް ހަޅުތާލު ކުރަނީ ނުހައްގުން ހައްޔަރުކޮށް، ޖަލުގައި ބަންދުކޮށްފައި ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝީދު މޫސާ ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ވޯމްއަޕް މުޒާހަރާގަ އެވެ.
އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ބައެއް ހައްޔަރުކޮށްފަ އެވެ. އެގޮތުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހައްޔަރުކޮށްފައިވާ އިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު (މޫކޭ) އާއި އެމްޑީޕީ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމެވެ. މީގެ އިތުރުން ވެސް ބައެއް އާންމު މެންބަރުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.