ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ގޮވާލައި އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުމުގައި ރައީސް އަބްދުﷲ ޔާމީނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއި، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުގެ އިސްތިއުފާ އަށް ގޮވައިފި އެވެ.
އެއްވުމުގެ ބައިވެރިން އެމްޑީޕީގެ ހަރުގެ ކުރިމައްޗަށް އެއްވުމަށް ފަހު 11:30 ހާއިރު، އެއްވުން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އިއުލާނުކުރި އެވެ. އޭގެ ކުރިން ފުލުހުން އެެއްވުން ރޫޅާލުމަށް މާބޮޑު މަސައްކަތެއް ނުކުރި ނަމަވެސް، އެއްވުން ކުރިއަށް ގެންދާނެ ކަމަށް އިއުލާނުކުރުމާއެކު އެސްއޯ ފުލުހުން ގޮސް ހަރުގެއިން މީހުން ބޭރުކޮށް، އެއްވުން ރޫޅައިލި އެވެ.
އެއްވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ ރައީސް ޔާމީނާއި ނަވާޒު އަދި ޝިޔާމް ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށެވެ. ރައީސް ޔާމީން ހުންނެވީ ގާނޫނު އަސާސީގެ މައްޗަށް ފައިން އަރައިގެން ކަމަށާއި އެ މަނިކުފާނު ހައްޔަރުކުރަން ޖެހޭ ކަމަށް ވެސް ބައެއް ބޭފުޅުން ގޮވައިލި އެވެ.
އެހެން ރޭތަކާ ހިލާފަށް އެއްވުމުގެ އިސް ބައެއް ބައިވެރިން ބުދަ ދުވަހުގެ ރޭ ތިބީ ޕެޕަރ ސްޕްރޭ އާއި ކަރުނަ ގޭހުން ރައްކާތެރިވުމުގެ ގޮތުން މާސްކް އަޅައިގެންނެވެ.
ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި އޮތް މި އެއްވުން ރޫޅާލުމާއެކު، ދެން ނުކުތީ މަގުމައްޗަށެވެ. މަޖީދީ މަގާއި ޗާންދަނީ މަގުގެ ހަތަރު އަނގޮޅިއަށް އެއްވަން މަސައްކަތް ކުރި ނަމަވެސް، ދަގަނޑު ދަހަނާ އެޅި ފުލުހުން ފަހާލުމާއެކު މީހުން އެއްވީ ކުނޫޒު ކައިރި އަށެވެ. އެ ސަރަހައްދުގައި ވަރަށް ދަންވަންދެން އަޑު އުފުލަމުންދިޔަ އެވެ.