މިވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި އެއް ލައްކަ އާ ވަޒީފާ އުފެއްދިއްޖެ ކަމަށް ކުރިން ވިދާޅުވިޔަސް، އުފެއްދިފައިވަނީ 76000 ވަޒީފާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް މިދިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވެފައި ވަނީ 2017 ވަނަ އަހަރުގެ ނިޔަލަށް އެއް ލައްކަ އާ ވަޒީފާ އުފައްދަވާފައި ވާއިރު މި ސަރުކާރުން ޒުވާނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދީފައި އޮތުމަކީ އެންމެ އުފަލާއެކު ފާހަގަ ކުރާ ކަންތައް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އަންދާޒާ ކުރާ ގޮތުން ވެއްޖެއްޔާ މި ހަތަރު އަހަރު ނިމިގެން ގޮސް މި އަންނަ އަހަރާ ހަމައަށް އަޅުގަނޑުމެން މި ފޯރީ، އެއް ލައްކަ އާ ވަޒީފާ އެކި ހިސާބުގައި އަޅުގަނޑުމެނަށް އުފެއްދިއްޖެ. އިހަކަށް ދުވަހު ބޮޑު ތިލަދުންމަތީގައި، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު އަޅުގަނޑުމެން ފެއްޓީ، އޭރު އަޅުގަނޑުމެން އިއުލާންކުރިން އެ ސަރައްދުގައި 14000 ވަޒީފާ އިތުރުވެގެންދާނެ ކަމަށް. އެއީ އެތަނުގައި ރިޒޯޓްތައް ހެދިގެންދިޔައީމަ،" ރައީސް ވިދާޅުވި އެވެ.
ދެހާސް ސޯޅަވަނަ އަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުފެއްދެވިފައިވަނީ 64،000 ވަޒީފާ ކަމަށް ރައީސް ވިދާޅުވިއިރު، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އުފެއްދިފައިވަނީ އެންމެ އެގާރަ ހާސް ވަޒީފާއެވެ. މި ސަރުކާރުން ބުނެފައިވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން 94،000 އާ ވަޒީފާ އުފައްދާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި އަމާޒަކީ 50 ރިޒޯޓް ހުޅުވުން ކަމަށާއި އޭރުން ވެސް އެއް ލައްކަ ވަޒީފާ އުފެދިގެން ދާނެ އެވެ. ނަމަވެސް މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ޖުމްލަ 76،000 އަށްވުރެ ގިނަ ވަޒީފާ މިހާރު ވަނީ އުފައްދާފައި ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް ހުޅުވޭނީ 25 ރިސޯޓެވެ.
"ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ގިނަ ވަޒީފާތަކެއް މިހާރުވަނީ އުފައްދާފައި. އަދި އިޤްތިޞާދީ އެކިއެކި މަސައްކަތް އިތުރަށް ފުޅާކުރުމާއެކު، ޖުމުލަ 76,000 އަށްވުރެ ގިނަ ވަޒީފާ މިހާރުވަނީ އުފައްދާފައި،" މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ރިޔާސީ ދައުރުގެ ފަސް އަހަރު މިއަހަރު ނިމޭއިރު، އާ ވަޒީފާ އުފައްދާފައިވާ ކަމަށް ވިދާޅުވެ، ސަރުކާރުގެ އެކި ވަޒީރުން ވިދާޅުވަމުން ގެންދެވީ އެކި އަދަދުތަކެވެ.