އެޓަރނީ ޖެނެރަލް އޮފީހުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންތަކެއް ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުމާ ދެކޮޅަށް އެޓަރނީ ޖެނެރަލް މުހައްމަދު އަނިލް އަށް ލަފާދެއްވާފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތުދެއްވައިފި އެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުމާއި ދެކޮޅަށް ގާތްގަނޑަކަށް އޭޖީ އޮފީހުގެ ގާނޫނީ ވަކީލުންގެ 25 ފަރާތެއް ޕެޓިޝަނެއް އެކުލަވާލި ކަމަށާއި އެހެން ނަމަވެސް އެކަން އޭޖީ އަނިލްއަށް އެނގުމުން ހުއްޓުވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދިގު ދައްމާލުމަށް ފާސް ކުރި އިރު މަޖިލީހުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އަދަދަށް މެންބަރުން ނެތް ކަމަށް ބުނެ ގިނަ ގާނޫނީ ވަކީލުންތަކެއް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތެއް މިހާރު ނެތް ކަމަށާއި އެހެންވެ ހައްޔަރުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް އަންގައިފި ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.