މިއަހަރު ނެރުނު ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ރޭންކިންގައި 17 ދަރަޖަ ވެއްޓި މަތީ ދަރަޖައަކަށް ކޮރަޕްޝަން އަށަގެންފައިވާ ގައުމުތަކުގައި ގިންތީގައި ރާއްޖެ ހިމެނިއްޖެއެވެ.
މިއަހަރުގެ އިންޑެކްސްގައި ރާއްޖެއަށް ލިބިފައިވަނީ 33 ޕޮއިންޓްއެވެ. މި އަހަރުގެ އިންޑެކްސްގައި 180 ގައުމު ގިންތިކުރެވުނުއިރު ރާއްޖެއަށް ލިބިފައިވަނީ 112 ވަނައެވެ. މިދިޔަ އަހަރު ނެރުނު އިންޑެކްސްގައި ރާއްޖެއަށް 36 ޕޮއިންޓާއެކު ލިބިފައިވަނީ 95 ވަނައެވެ. މިއަހަރު ލިބުނު ވަނަޔާއެކު ރާއްޖެ ހިމެނިފައިވަނީ 50 އަށްވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ އެއްބައި ގައުމުތަކުގެ ތެރޭގައެވެ. ހަމައެހެންމެ މި ދަރަޖަ ލިބުމާއެކު ރާއްޖެއަކީ ކޮރަޕްޝަނާއި ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ގައުމެއްގެ ގޮތުގައި ވަނީ ކަނޑައެޅިގެން ގޮސްފައެވެ.
ސީޕީއައި ހިސާބުކުރެވެނީ މަދުވެގެން ތިން މަސްދަރަކުން ހޯދޭ މައުލޫމާތުގެ މައްޗަށެވެ. ރާއްޖޭގެ ސީޕީއައިގެ ނަތީޖާ ހިސާބުކުރުމުގައި ބަލާފައިވަނީ ބައިނަލްއަގްވާމީ 3 ދިރާސާއެއް މައްޗަށެވެ. އެއޯ ވޯރލްޑް ބޭންކް ސީއައިޕީ އާއި ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިން އަދި ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓްއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ވަނީ މިއަހަރުގެ ނަތީޖާއިން ކޮރަޕްޝަން އަށަގެންފައިވާ މިންވަރާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ޖަމިއްޔާ ޖަމާއަތްތަކަށް މަސައްކަތްކުރުމަށް އޮތް ފުރުސަތު ހަނިވެފައިވާ މިންވަރު ހާމަވެގެންދާ ކަމަށެވެ. ހަމައެހެންމެ ވޭތުވެދިޔަ ހަ އަހަރު ނޫސްވެރިކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް ފުރުސަތު ދަނީ ދަށްވަމުން ކަމަށާއި އިންސާނީ ހައްގުތައް ނިގުޅައިގަތުމާއި ކޮރަޕްޝަނާއި ނޫސްވެރިންނަށް ބިރު ދެއްކުން އިތުރުވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.