މާލެ އަތޮޅުގެ 27 ފަޅެއް ތަރައްގީ ކުރުމަށް ރޭވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވި އެވެ.
މިއަހަރުގެ މަޖިލީހުގެ އެއްވަނަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން 24 ރަށެއް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކޮށް މިއަހަރު ނިމޭނެ ކަމަށެވެ.
ފަޅުތައް ތަަރައްގީ ކުރުމުގެ މަސައްކަތުގެ ތެެރެއިން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިތުރު ފަސް ފަޅެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
" މިވޭދުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އިގްތިސޯދު ތަރައްގީ ކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރެވޭ. 27 ފަޅެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވޭ އިރު އެ މަސައްކަތް ނިމުމުން 47000 ވަޒީފާއެއް އުފެއްދޭނެ." ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އިގްތިސޯދުގެ ކުރިއެރުން 6.2 ޕަސެންޓުން 6.9 ޕަސެންޓަށް ކުރިއަރާފާއިވާ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ 8 ޕަސެންޓް ކުރިއަރާފައިވާ ކަމަށެވެ. މީގެ އިތުރުން 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އަލަށް ތަރައްގީ ކުރާ ރިސޯޓްތަކާއި އެކު 5300 އަށް އެނދުގެ އަދަދު އިތުރުވެެގެންދާނެ ކަަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާ މިދިޔަ އަހަރު ކުރިއަރާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ. އެގޮތުން ފެބްރުއަރީ މަހުގެ އޮކިއުޕެންސީ ލަފާކުރި މިންވަރަށް ވުރެ 65 ޕަސެންޓް ދަށްވެެގެންދާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2017 ވަނަ އަހަރު އާބާދީގެ ބޮލަކަށް ޖެހޭ މިންވަރު 9671 ޑޮަލަރަށް އަރާފައިވާ ކަމަށާއި ދައުލަތުގެ ރިޒާވް މިއަހަރު ނިމޭ އިރު 600 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ އާމްދަނީ އަހަރުން އަހަރަށް އަރާނެ ކަމަށް ލަފާކޮށްފައިވާ އިރު 22.4 މިލިއަނަށް މިއަހަރު އަރާނެ ކަމަށް ލަފާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް 1.6 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ހަމަޖެހިފައިވާ އިރު އެހެން ދާއިރާތަކުގައި 1.8 ބިލިއަން ޑޮލަރު އިންވެސްޓް ކުރެވޭނެ ކަމަށެވެ.