ފުލުހުންނާއި ސިފައިން ވަޒީފާ ދޫކޮށްލުމަށްފަހު އިސްލާހީ ހަރަކާތާ ގުޅޭނެ ކަމަށް ބުނެފައިވާ ކަމަށާއި މާދަމާވެސް އެ މަންޒަރު ފެނިގެން ހިނގައިދާނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.
މ. ކުނޫޒުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު، އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުންތަކެއް އިދިކޮޅު ފަރާތްތަކާ ގުޅަމުން އަންނަ ކަމަށެވެ. މާދަމާވެސް ވަޒީފާ ދޫކޮށްލުމަށްފަހު އިސްލާހީ ހަރަކާތާ ގުޅުމަށް ތައްޔާރަށް ތިބިކަމަށް އެ ބޭފުޅުން ބުނެފައިވާ ކަމަށެވެ.
މަހުލޫފް ވިދާޅުވި ގޮތުގައި ފުލުހުންނާއި ސިފައިންވެސް ތިބީ ޣައިރު ޤާނޫނީ އަމުރުތަކާ ގުޅިގެން ހިތް ހަމަނުޖެހިފައެވެ. އަދި ދެން އިތުރަށް ކެތްނުކުރެވޭނެކަމަށް އެ އޮފިސަރުން ބުނިކަމަށް މަހުލޫފް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މާދަމާ ރެޔަށް އަޅުގަނޑު ދުނިޔޭގައިހުރި ނަމަ އެ މަންޒަރު ފެންނާނެ" ފުލުހުންނާއި ސިފައިން އިސްލާހީ ހަރަކާތާ ގުޅޭ ވާހަކައަކީ ކިހާ ކަށަވަރު މައުލޫމާތެއްތޯ ސުވާލުކުރުމުން މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ ރޮދިފަށަކަށްފަހު ރޮދިފަށެއް ކެނޑެމުން އަންނަކަމަށެވެ. އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް ފުލުހުންގެ އިދާރާއަށް ސިޓީއެއް ފޮނުވާފައިވާކަމަށް މަހުލޫފްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޖީގެ ލަފާފުޅަށް ބަންޑާރަ ނައިބް މުހައްމަދު އަނިލްވެސް ތާއީދުކުރައްވާފައިވާ ކަމަށެވެ.