ކުއްލި ނުރައްކަލުގެ ހާލަތެއް މިހާރު ނެތް ކަމަށާއި އެހެންވެ ހައްޔަރުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް އަންގައިފިކަން ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.
މިކަން ފީޖީ އޮފީހުން ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ. ނަމަވެސް ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންގަރާ ދުވަހުގެ ރޭ 8:05 ގައި އުވިގެން ގޮސްފައިވާ ކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދިގު ދެންމެމުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކީ ވެސް ބާތިލް ގަރާރެއް ކަމަށް ބަޔާންކޮށް ޕޮރޮސިކިއުޓަ ޖެނެރަލް، ފުލުހުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު، އަސްކަރިއްޔާއިން ސުޕްރީމް ކޯޓް ހިސޯރު ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް ސާވިސްގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވަނީ ހައްޔަރުކޮށްފަ އެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހްމަދު އިލްހާމް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން އެހެން ބައެއް ފަރާތްތައް ވެސް ކުއްލި ހާލަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ.
މި ބޭފުޅުންގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހްމަތުކޮށްފައިވެ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކުއްލި ހާލަތު އިތުރުކުރަން އިއްޔެ ފާސްކުރި ގަރާރަކީ އުފެދުމުގައި ވެސް ބާތިލް ގަރާރެއް ކަމަށާއި އެއީ ސައްހަ ގަރާރެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގައި ބަޔާންކުރާ އެއްވެސް ސަބަބެއް ނެތި ކުއްލި ހާލަތު އިއުލާނުކޮށް، ގިނަ ބަޔަކު ހައްޔަރުކުރުމުން، އެއީ ރަހީނު ކުރުން ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެ ވަނަ ފަހަރަށް އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ފުލުހުން ވެސް ބޭނުންވާ ކަމަށާއި ނަމަވެސް އެކަން ތަންފީޒު ނުކުރަނީ ރައީސް އަބްދުﷲ ޔާމީންގެ އެންގުމަށް ކަމަށް ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ. ނަމަަވެސް މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނާ ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އަނެއްކާ ވެސް އިތުރުކޮށްފައެވެ. ރައްޔިތުން އޭގެ މައްޗަށް އަމަލުކުރަން ޖެހޭ ކަމެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި އެ މައްސަލައަކަށް ވޯޓު ދޭންޖެހޭއިރު ކުއްލި ނުރައްކަލުގެ ހާލަތު ދެވަނަ ފަހަރަށް އިތުރުކޮށްފައިވަނީ ގާނޫނާ ހިލާފަށް 38 މެމްބަރުންގެ ވޯޓާއެކުއެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.