ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދިގުދެއްމުމަށް ނިންމުމާއި ގުޅިގެން އަވަށްޓެރި އިންޑިއާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިންޑިއާގެ ޚާރިޖިއްޔާ އިން ބުދަ ދުވަހު ނެރުނު ބަޔާނުގައި ވަނީ، ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ނިންމުމާއި ގުޅިގެން އިންޑިއާ އިން ނުހަނު ކަންބޮޑުވާ ކަމަށެވެ.
އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ހަމަތަކާއި ޚިލާފަށް ބޭއްވި ޖަލްސާއެއްގައި ކަމަށް ވުމަކީވެސް އެގައުމުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އިންޑިއާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނުގައި ވެއެވެ.
އަދި އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތް ދިގުދެމިގެން ދިޔުމާއި، ޝަރުއީ ދާއިރާ ފަދަ ޑިމޮކްރެޓިކް މުއައްސަސާތަކުގެ ހިންގުމަށް އެޅިފައިވާ ހުރަހުގެ ސަބަބުން ރާއްޖެ އައްމު ހާލަތަކަށް އައުމަށް އިތުރު ދުވަސްތަކެއް ނަގާނެ ކަމަށް އިންޑިއާގެ ޚާރިޖިއްޔާގެ ބަޔާނުގައިވެއެވެ.
އިންޑިއާގެ ބަޔާނުގައި އިތުރަށް ވަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން މިނިވަން މުއައްސަސާތަކަކަށް ލިބިދޭ ފުރިހަމަ ބާރުތަކާއެކު މިނިވަން އަދި ދެފުށް ފެންނަ ގޮތެއްގެ މަތީން އެމުއައްސަސާތައް ހިންގުމުގެ ފުރުޞަތު ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ 15 ދުވަހުގެ މުއްދަތު އަންގާރަ ދުވަހުގެ ރެއަށް ހަމަވެފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދައްމާލުމަށް 40 މެމްބަރުން ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވަނީ ނިންމާފައެވެ. އަންގާރަ ދުވަހުގެ އިރުއޮއްސެން ގާތްވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުން އެކަން ނިންމާފައިވަނީ 38 މެމްބަރުންގެ ވޯޓާއެކުގައެވެ.
އެޖަލްސާގެ ކުރިން އިންޑިއާގެ ޚާރިޖިއްޔާ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް އިންޑިއާ އިން އުއްމީދު ކުރާ ކަމަށް ބުނެފައެވެ. އެ ބަޔާނުގައި ވަނީ ކުއްލި ހާލަތު އުވާލުމަށްފަހު، ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.