ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން މަޖިލީހަށް ވެންނެވުމަށްޓަކައި ދައުލަތުގެ ސަލާމަތީ ބާރުތަކުން ހުރަސް އަޅުމުންދާތީ އެމައްސަލައަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް މިއަދުވެސް ވަޑައިގަންނަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމުން، މިމަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެއީ ބާތިލް ނިންމުމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އެ 12 މެންބަރުންނާ އެކު މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް އަމުރު ކޮށްފައެވެ.
ނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ދައުލަތުގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ ވަގުތީ އަމުރުގައި ވަނީ ސުޕްރީމް ކޯޓުން މިމަހުގެ އެއް ވަނަ ދުވަހު ނެރެފައިވާ އަމުރުގައި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަންޖެހޭނީ އެ 12 މެމްބަރުންނާ އެކު ކަމަށް ބުނެފައިވާ އަމުރު ތަންފީޒު ކުރުން މަޑުޖައްސާލުމަށެވެ.
އެހެންކަމުން އެ މެމްބަރުން ވަނީ މީގެ ކުރިން ވެސް އެ މެމްބަރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް އެދިލައްވާފައިވާ އެދިލެއްވުމުގެ މަތިން ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭ ގޮތް ހަމަޖައްސައިދެއްވުމަށް އެދިލައްވާފައެވެ. ނަމަވެސް އެ މެމްބަރުންނަށް މިއަދާ ހަމައަށް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ފުރަތަމަ ޖަލްސާ މިރޭ 9:00 ގައި ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މި ޖަލްސާ އެންމެ ފުރަތަމަ ބާއްވަން އެންމެ ފުރަތަމަ ތާވަލްކޮށްފައި އޮތީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ. ނަމަވެސް މެންބަރުންނަށް އަންގައި ތައްޔާރުވަމުން ދަނިކޮށް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން އެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. ޖަލްސާ ކެންސަލް ކޮށްފައި ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެއެވެ.
އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާތައް ފަށާ ގޮތަށް ހަމަޖައްސާފައި މިވަނީ ކުއްލި ނުރައްކަލުގެ ގަރާރާ ގުޅޭ ގޮތުން ދައުރުން ބޭރުގައި ކަމަށް ބުނެ ދެ ޖަލްސާ ބޭއްވުމަށް ފަހުގައެވެ.