އެކި ފަރާތްތަކުން ސިޔާސީ ބޭނުމަށް ދީނީ މަފްހޫމްތައް އޮޅުވާލުން ހުއްޓާލުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަމާއި ފަސާދައާއި އަދި ދައުލަތުގެ މުޅި ނިޒާމު ޚަރާބުކޮށް، ދީނާއި ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އެއްފަރާތްކޮށް، އަމިއްލަ އެދުމާއި، ސިޔާސީ މަންފާއަށްޓަކައި ހިންގަމުންގެންދާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ސުލްޙަވެރިކަމާއެކު ރައްޔިތުން ކުރަމުންގެންދާ އިހުތިޖާޖުތަކަށް ނިސްބަތްކޮށް އެއީ ވެރިކަމާ ދެކޮޅަށް ޚުރޫޖުކުރުން ކަމުގައި، ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ބުނަމުންދާ ކަމަށާއި، އެކަމާ އެ ޕާޓީން ކަންބޮޑުވާ ކަމަށެވެ.
އެހެންކަމުން، ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރަށް ތާޢީދުކުރާ ސިޔާސީ ފަރާތްތަކާއި އަދި އެހެނިހެން ނަންނަމުގައި ސަރުކާރަށް މަދަދުވެރިވެ ވާގިވެރިވަމުންދާ ފަރާތްތަކުން، ސިޔާސީ މަންފާ އާއި އަމިއްލަ އެދުމަށްޓަކައި އިސްލާމްދީނުގެ މިފަދަ މުހިއްމު މަފްހޫމްތައް އާންމުންނަށް އޮޅުންއަރާފަދަ ގޮތްގޮތަށް ބަޔާންކޮށް، ކަމުގެ ހަޤީޤަތް އޮޅުވާލުމަށްޓަކައި ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށްވެސް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.
ސަރުކާރާއި ދެކޮޅަށް ގުޅިފައިވާ ޕާޓީތަކުން މިހާރު ކުރަމުންދާ މަސައްކަތަކީ ސަރުކާރުން ބުނާ ފަދައިން ޚުރޫޖުކުރުން ނޫންކަން ބަޔާންކޮށް، އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ، އިސްލާމީ ޝަރީޢަތުގެ އިސްތިލާޙުގައި ވެރިކަމާދެކޮޅަށް ނުކުތުން (ޚުރޫޖުކުރުން) ނުވަތަ ބަޣާވާތް ކުރުމަކީ ޢަންމުންގެ ތެރެއިން ބަޔަކު ހަތިޔާރާއެކު ނިކުމެ ހަނގުރާމަކޮށްގެން ގަދަބާރުން ވެރިކަން ބަދަލުކުރުން ނުވަތަ ބަދަލުކުރަން މަސައްކަތްކުރުން ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ، ވެރިކަމުގެ ފަރާތުން ހިންގާ އިސްލާމްދީނާ ޚިލާފު ކަންކަމާއި، ޤައުމާއި ރައްޔިތުންނާއި އަދި މުޅިދައުލަތުގެ މަސްލަޙަތު ގެއްލިދާފަދަ ކަންކަން ހުއްޓުވުމަށްޓަކައި އެކަންކަން ފާހަގަކޮށް، ސުލްޙަވެރިކަމާއިއެކު އެފަދަ ކަންކަން އިސްލާޙުކުރުމުގެ ފުރުޞަތު އިސްލާމީ ޝަރީޢަތުގެ ތެރެއިން ފުޅާކޮށް ތަނަސްވެފައިވާ ކަމަށެވެ. އަދި އެބާވަތުގެ ކަންކަން ހުއްޓުވުމަށްޓަކައި މަސައްކަތްނުކޮށް، އެފަދަ މުންކަރާތްތަކާދެކޮޅަށް ޙައްޤުބަސްނުބުނެ ހިމޭނުން ތިބުމަކީ އެކަންކަމުގައި ބައިވެރިވުން ކަމުގައި އިސްލާމްދީނުގެ ސަރީހަ ނައްސުތަކުން ސާބިތުވެސް ވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަދާލަތު ޕާޓީން ވަނީ ޤާނޫނު އަސާސީއާއި ޤަވާއިދުތަކާއި ޚިލާފަށް ސަރުކާރުން ހިންގަމުންދާ "ފިނޑި އަމަލުރައް" ހުއްޓާލުމަށްފަހު ހެޔޮމަގަށް ރުޖޫޢަވުމަށް ސަރުކާރަށް ގޮވާލާފައެވެ.