ޖަރުމަނުން ސްރީލަންކާ އާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޔޯން ރޯޑް ރާއްޖެޓީވީގެ ރިޕޯޓަރު ހުސެއިން ހަސަން އާއި ބައްދަލުކުރައްވައިފިއެވެ.
މިމަހުގެ 16 ވަނަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުން ކަވަރު ކުރަމުން ދަނިކޮން ހައްޔަރުކޮށް، ފުލުހުން ދިން އަނިޔާގެ ސަބަބުން ލަންކާގައި ފަރުވާ ހޯދަމުންދާ ހުސެއިން އާއި އެމްބެސެޑަރު ޔޯން ރޯޑް ބައްދަލުކުރެއްވީ ބުދަ ދުވަހު ހެނދުނެވެ.
މި ބައްދަލު ވުމުގައި ރާއްޖޭގައި ނޫސްވެރިންނަށާއި ނޫސްވެރިކަން ކުރުމަށް ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި ހުސެއިން ހައްޔަރުކުރުމަށްފަހު ކަން ހިނގާދިޔަ ގޮތް ސަފީރު ވަނީ އޮޅުންފިލުއްވާފައެވެ. ހުސެއިންއަށް ފުލުހުން އަނިޔާކުރި ކުރުން އެމަނިކުފާނު ވަނީ ކުށްވެރިކުރައްވާފައެވެ.
ހުސެއިންއާއި ބައްދަލުކުރުމަށްފަހު، އެމްބެސެޑަރު ޔޯން ރޯޑް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ނޫސްވެރިކަމަކީ ފުރިހަމަ ޑިމޮކްރެސީއެއްގެ މުހިއްމު އެއް ތަނބުކަމަށެވެ. ދިވެހި ސަރުކާރުން މިނިވަން ނޫސްވެރިކަމަށް އިހްތިރާމް ކުރަން ޖެހޭކަމަށްވެސް އެމްބެސެޑަރު ވިދާޅުވިއެވެ.
މިމަހުގެ 16 ވަނަ ދުވަހުގެރޭ ހުސެއިން ހައްޔަރުކޮށް، ފުލުހުންގެ ފަރާތުން ލިބުނު އަނިޔާއަށް އެޑީކޭ އިން ފަރުވާ ހޯދުމަށް ފަހު މިހާރު ފަރުވާ ހޯދަމުންދަނީ ލަންކާ ހޮސްޕިޓަލްގައެވެ. ޑޮކްޓަރުން ވިދާޅުވީ، ހުސެއިންގެ އެތެރެހަށްޓަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. ހުސެއިން އޭޑީކޭއަށް ގެންދެވުނީ، ފުލުހުން ހައްޔަރުކޮށްފައި ހުއްޓާ އޭނާގެ ހާލު ދެރަވުމުންނެވެ. ހުސެއިން ބުނެފައިވަނީ އޭނާއަށް ފުލުހުންގެ ފަރާތުން ލާއިންސާނީ އަނިޔާތައް ކޮށްފައިވާކަމަށެވެ. އަދި އެކަން ހުސެއިންގެ ހަށިގަނޑުގެ އެތަން މިތަނުން ފެންނަން ހުއްޓެވެ. ހުސެއިންގެ ހާލު މިހާރު ރަނގަޅެވެ.