އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލެޝް މިޝްރާ އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ވަނީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެވެ. ހަމައެހެންމެ ރާއްޖޭގެ ސަރުކާރަކީ އަބަދުވެސް ބައިނަލްއަގްވާމީ ގައުމުތަކާ އެކު، ހާއްސަކޮށް އިންޑިއާއާ އެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތް ގައުމެއް ކަމުގައި ވެސް ސަރީރު ފާހަގަކުރައްވާފައިވެއެވެ.
Foreign Secretary Ahmed Sareer meets Indian Ambassador Akilesh Mishra. Discussed the ongoing political developments and reiterated GoM’s firm commitment to work with international partners, including India. pic.twitter.com/QniWmSngYn
— MFA Maldives (@MDVForeign) February 21, 2018
މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވާއިރު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ނިއުޅެމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފައެވެ. ހަމައެހެންމެ އެ ގައުމުން ވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު އެ އޮތް ގޮތަށް ތަންފީޒުކުރުމަށް ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ސަރުކާރަށް ގޮވާލާފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ސަރުކާރުން މި ގޮވާލުންތަކަށް ދީފައިވަނީ ބީރު ކަންފަތެކެވެ.
ރާއްޖޭގެ ސަރުކާރުން އިންޑިއާ އެކު މަސައްކަތްކުރުމަށް ތައްޔާރަށް އޮތް ކަމަށް ބުނި ނަމަވެސް މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި އިންޑިއާ ފެންނަމުންދަނީ އެކަހެރި ކުރެވެމުންދާ މަންޒަރެވެ. ހަމައެހެންމެ ރައީސް ޔާމީން ވެސް ދާދި ފަހުން ޖަލްސާއެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އެންމެ ގާތް އެކުވެރިންނަކީ ޗައިނާ އާއި ރަޝިއާގެ އިތުރުން ސައުދީ އަރަބިއްޔާ ކަމަށެވެ. މިކަމާ ގުޅިގެން އިންޑިއާގެ އެކި ފަރާތްތަކުން ދަނީ ރާއްޖޭގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރުވަމުންނެވެ.