މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންނާ މެދު ފުލުހުން ޢަމަލުކުރަމުންދާ ގޮތް އިދިކޮޅު ފަރާތްތަކުން ކުށްވެރިކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، ޤާނޫނު އަސާސީއާ ޚިލާފަށް ސިޔާސީ ގޮތުން ވާދަވެރި ފަރާތްތަކާއި، ދައުލަތުގެ ދެ ބާރު ކަމުގައިވާ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި ރައްޔިތުންގެ މަޖިލިސް ޢަބްދުﷲ ޔާމީންގެ ބާރުގެ ދަށަށް ގެނައުމަށް ކުއްލި ޙާލަތު އިއުލާން ކުރައްވައިގެން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް އާއި، އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައެއް މެންބަރުންނާ އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކަށް ތާޢީދުކުރާ ޖުމްލަ 13 މީހުން ފެބްރުއަރީ 16 އަދި 17 ވަނަ ދުވަހު ޣައިރު ޤާނޫނީ އުސޫލުން ހައްޔަރުކޮށް ޤާނޫނާ ޚިލާފަށް ބަނދުގައި ބަހައްޓާ އަސާސީ ޙައްޤުތަކުން މަޙްރޫމްކޮށްފައި ވާތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަައް އިސްވެ އިންތިޒާމް ކުރި އިހްތިޖާޖު ނުވެސް ފެށެނީސް އެމްޑީޕީ ނައިބު ރައީސް މުޙައްމަދު ޝިފާޒްގެ އިތުރުން ޤައުމީ މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކޯޓު އަމުރެއް ނެތި ފުލުހުންނަށް ލިބިދޭ ބާރުތަކުގެ ބޭރުން ކަމަށެވެ.
"ޤާނޫނާ ޚިލާފަށް ބަންދުކޮށްފައިވާ ބޭފުޅުންނާމެދު ފުލުހުން ޢަމަލުކުރަމުންދާ ގޮތާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ. އެބޭފުޅުންގެ ކެއުމުމާއި، ބޭސްފަރުވާގެ ކަންކަމާއި ޢާއިލީ ބައްދަލުވުމުގެ އިންތިޒާމްތަކާ މެދު ފުލުހުން ޢަމަލުކުރާ ގޮތް ކުށްވެރިކުރަމެވެ. އަންގާރަ ދުވަހުގެ ހެނދުނުގެ ކައުމަށް ކުނިވެފައިވާ މަސްހުނި ދިންކަމަށާއި އަދި މެންދުރު މުއްދަތު ހަމަވެފައިވާ ދަޅުގައި ބަންދުުކުރި އަލަނާސި ދިނުމުން އެއިން އެއްވެސް އެއްޗެއް އެއްވެެސް ބޭފުޅަކު ބޭނުންނުކުރައްވާކަން އެނގިފައިވެއެވެ. މީގެ އިތުރުން ސާފު ބޯފެން ނުލިބޭ ކަމަށާއި، ފާޚާނާ ތަށިގަނޑު ކައިރީ ހުންނަ އިސްކޫރަކުން ފެން ބޯން ޖެހޭ ކަމަށް އެނގިފައިވެއެވެ. އަދި ކުރީގައި ފަރުވާ ހޯދަމުން އަންނަ ބަލިތަކަށް ބޭނުންވާ ކަންކަމާއި ބަންދުކުރުމަށް ފަހު ބަލިވުމުން ބޭސް ކާން ޖެހޭ ވަގުތު ފާއިތުވާއިރުވެސް ބޭސް ފޯރުކޮށްނުދެވޭކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ." އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެއްވެސް މީހަކަށް، ރަހުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއްކޮށްގެން ނުވާނެކަމަށާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް ދީ އަނިޔާކޮށްގެން ނުވާނެ ކަމަށާއި ބަންދުކޮށްފައިވާ މީހުންނާމެދު ޢަަމަލުކުރަންވާނީ އިޙްތިރާމާއެކު ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހިނދު އެ އުސޫލުން ބަންދުކޮށްފައިވާ ފަރާްތްތަކާ މެދު ޢަމަލުކުރުމަށް ގޮވާލާކަމަށެވެ. އަދި ޣައިރު ޤާނޫނީ އުސޫލުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް އަދި އެކަން ދަމަހައްޓަން ރައްޔިތުންގެ މަޖިލިހުން ބޭނުންވާ މިންވަރަށް ވޯޓުވެސް ލިބިފައި ނެތް ހިނދު އެމްޑީޕީގެ ޤައުމީ މަޖިލިހުގެ މެންބަރުންނާއި އާންމު މެންބަރުން ފުލުހުންގެ ބަންދުގައި ބަހައްޓަމުން ގެންދަނީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށްކަމަށާއި މިހާރުން މިހާރަށް ދޫކޮށްލުމަށް އިދިކޮޅުފަރާތްތަކުން ވަނީ ގޮވާލާފައެވެ.