ޖަލަށް ހުކުމްކޮށްފައި ހުރި ކުށްވެރިއަކު ހޯދަން ޖަލުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސްގެ އެޕާޓްމެންޓަށް ފުލުހުން ވަންނަން އުޅެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފާރިސްގެ ގާނޫނީ ވަކީލު ހުސެއިން ޝަމީމް ވިދާޅުވީ، މުޅިން އެހެން ގެއެއްގެ ނަން ޖަހާފައި އޮތް ލިޔުމެއް ހިފައިގެން ގޮސް ފާރިސްގެ އެޕާޓްމެންޓަށް ވަންނަން އުޅުމަކީ ފުލުހުން ކުރި ފުރައްސާރައެއް ކަމަށެވެ.
ލިޔުމުގައިވާ ގޮތުން ފުލުހުން ހޯދަމުން ދަނީ ޑްރަގް ކޯޓުން ތިން އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ 34 އަހަރުގެ ފިރިހެނެކެވެ. އެމީހާ މާލޭގައި ދިރިއުޅޭ އެޑްރެސްކަމަށް ރާއްޖެއެމްވީއަށް ކޮޕީ ލިބިފައިވާ ލިޔުމުގައި ބުނެފައިވަނީ މ.ސެނަރޯސްއެވެ.
އެހެންނަމަވެސް ފުލުހުން ގެންގުޅުނު ލިޔުމުގައި ގަލަމަކުން އަރިމަތީގައި މ. ސްނޯރޯސް ލިޔެފައިއޮތެވެ. ފުލުހުން ފާރިސް ދިރިއުޅުއްވާ ގެ ކޮޅު ކައިރިއަށް ގޮސްފައިވަނީ، މިއަދު 10.15 ހާއިރުއެވެ.
ފާރިސްގެ ވަކީލް ޝަމީމް ވިދާޅުވީ ޑްރަގްގެ މައްސައެއްގައި ޖަލަށް ހުކުމް ކޮށްފައި ހުރި ކުށްވއެރިއަކު ހޯދަން ފާރިސް ދިރިއުޅުއްވާ ގެއަށް ފުލުހުން ދާންޖެހޭ ސަބަބެއް ނުވިސްނޭކަމަށެވެ. އަދި ފުލުހުން މިއަށްވުރެ ޒިންމާދާރުވާން ޖެހޭކަމަށާއި، މިއަމަލަކީ ފުރައްސާރަކުރުމުގެ އަމަލެއްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ފުލުހުން ފާރިސްގެ ގެކޮޅު ކައިރީ ކުޑައިރުކޮޅަކު ތިބުމަށްފަހު މިހާރު އެނބުރި ގޮސްފައިވާކަމަށެވެ.