ދިވެހިރާއްޖޭގައި އިޢުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރު ކުރުމަށް ނިންމުމުން، އެމެރިކާ އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، ހެދަރ ނުއާޓް ނެރުއްވާފައިވާ ބަޔާނެއްގައިވަނީ، ދިވެހިރާއްޖޭގައި އިޢުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތަށް 30 ދުވަސް އިތުރު ކުރުމަށް ނިންމުމަކީ އެމެރިކާ އިން އެކަމާ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މި ބަޔާނުގައި އެކަމަނާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އެމެރިކާ އިން ގޮވާލާފައިވާ ގޮވާލުން ތަކުރާރުކުރައްވާފައެވެ.
މީގެ އިތުރުން ޤާނޫނުގެ ވެރިކަން ދަމަހައްޓައި ޤާނޫނު ހަދާ މަޖިލީހާއި، ޖުޑީޝަރީ މިނިވަންކަމާއި، ފުރިހަމަ ބާރާއިއެކު ހިނގުމަށް ފުރުޞަތު ދިނުމަށްވެސް އެމެރިކާއިން ވަނީ ގޮވާލާފައެވެ.
އަދި ހަމަ މިއާ އެކު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތަކާއި، ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤުވާމީ މުއާހަދާތަކުގައިވާ ޙައްޤުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ވެސް އެމެރިކާ އިން ވަނީ ގޮވާލާފައެވެ.
އެމެރިކާއިން މި ބަޔާން ނެރެފައި މިވަނީ، ޤާނޫނީ ގޮތުން ސުވާލު އުފެދޭ ޖަލްސާއެއްގައި، ޤާނޫނީ ގޮތުން ސުވާލު އުފެދޭ އަދަދަކަށް މެންބަރުން ތިއްބަވައިގެން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅުއްވި ގޮތަށް، ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ 38 މެންބަރެއްގެ ވޯޓާއެކު ފާސްކޮށްފައި ވަނިކޮށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާ ގުޅިގެން ސަރުކާރުން އަދިވެސް ރައްޔިތުންގެ އަސާސީ ގިނަ ޙައްޤުތަކެއް ހިފަހައްޓާފައިވާއިރު، ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ މިހާރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށާއި، އެ ހާލަތު އިޢުލާނުކުރި ޤަރާރު ބާތިލް ވެފައިވާ ކަމަށް ބުނަމުންނެވެ.