ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ފުރަތަމަ ޖަލްސާ މިރޭ 9:00 ގައި ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މިރޭ ޖަލްސާ އޮންނަކަން ރަސްމީކޮށް މެންބަރުންނަށް އަދި އަންގާފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި މަޖިލީހުގެ އިދާރާ އިން މިހާރު ގެންދަނީ އެ މަސައްކަތް ކުރަމުންނެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ގައުމުގެ ހާލަތު ބަޔާން ކޮށްދެއްވައި، އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލް ޖުމްހޫރިއްޔާ އިއްވަވަންޖެހެއެވެ. މި ޖަލްސާ ބާއްވަންޖެހެނީ ފެބްރުއަރީ މަހުގެ ފުަރަތަމަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހުއެވެ.
މި ޖަލްސާ އެންމެ ފުަރަތަމަ ބާއްވަން އެންމެ ފުރަތަމަ ތާވަލްކޮށްފައި އޮތީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ. ނަމަވެސް މެންބަރުންނަށް އަންގައި ތައްޔާރުވަމުން ދަނިކޮށް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން އެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. ޖަލްސާ ކެންސަލް ކޮށްފައި ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެއެވެ
އެހެން ނަމަވެސް މަޖިލީހުގެ ޖަލްސާތައް ފަށާ ގޮތަށް ހަމަޖައްސާފައި މިވަނީ ކުއްލި ނުރައްކަލުގެ ގަރާރާ ގުޅޭ ގޮތުން ދައުރުން ބޭރުގައި ކަމަށް ބުނެ ދެ ޖަލްސާ ބޭއްވުމަށް ފަހުގައެވެ.