އިޓަލީގެ އެއަރލައިން މެރިޑިއާނާގެ ނަން، އެއަރ އިޓަލީއަށް ބަދަލުކޮށް، އެކުންފުނީގެ އާ ޝެއަރ ހޯލްޑަރު، ޤަތަރު އެއަރވޭސްގެ އެހީގައި އާ ހަރުފަތްތަކަކާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
މެރިޑިއާނާގައި އިންވެސްޓްކުރި ޤަތަރު އެއަރވޭސްގެ ސީއީއޯ އަކްބަރ އަލްބަކްރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެކުންފުނި ވެގެންދާނީ އިޓަލީގެ ރައްޔިތުން އިތުބާރު ކުރާ، ދެމެހެއްޓެނިވި ވިޔަފާރިއެއް ކުރާ ކުންފުންޏަކަށް ކަަމަށެވެ. އިޓަލީގެ ޤައުމީ އެއަރލައިން، އަލިޓާލިއާ ބަނގުރޫޓުވެފައިވާއިރު، ކުރިއަށް އޮތްތަނުގައި އިޓަލީގެ ފްލެގް ކެރިއަރއަށް އެއަރ އިޓަލީ ވުން ގާތެވެ.
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެއަރ އިޓަލީއަށް ބޮއިން 737-މެކްސް މަރުކާގެ 20 މަތިންދާބޯޓު ގެންނަން ހަަމަޖެހިފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ މަތިންދާބޯޓު އަންނަ އެޕްރީލް މަހު އެކުންފުންޏަށް ގެންނާނެއެވެ. އަދި ޤަތަރު އެއަރވޭސްއިން އެއަރ އިޓަލީއަށް އެއަރބަސް އޭ-330 މަރުކާގެ 5 މަތިންދާބޯޓު ލީޒްކުރާނެއެވެ.
އަންނަ މެއި މަހުން ފެށިގެން އިޓަލީގެ އެތެރޭގެ ބައެއް ރޫޓްތަކުގެ އިތުރުން ބައިނަލްއަޤްވާމީ ރޫޓްތަކެއް އެކުންފުނިން އިއުލާންކުރާނެއެވެ. އެއަރ އިޓަލީގެ މައި ހަބެއްގެ ގޮތުގައި ބޭނުންކުރާނީ އިޓަލީގެ ވިޔަފާރީގެ މަރުކަޒީ ރަށް ކަމަށްވާ މިލާނުގެ މައި އެއަރޕޯޓެވެ.
އެއަރ އިޓަލީގެ ޓާގެޓަކީ 2022 ވަނަ އަހަރާ ހަަމަޔަށް އަހަރަކު 10 މިލިއަން ފަސިންޖަރުން އުފުލުމެވެ. އަދި އެކުންފުނިން އަންދާޒާކުރާ ގޮތުގައި އެކުންފުނީގެ ދަތުރުތަކާ އެކު، މިލާން މަލްޕެންސާ އެއަރޕޯޓް ބޭނުންކުރާ މީހުންގެ އަދަދު އަހަރަކު އަށް މިލިއަނަށް އަރާނެއެވެ.
އެއަރ އިޓަލީ އާއި ވާދަވެރި އަލިޓާލިއާ 10 އަހަރު ތެރޭ 2 ވަނަ ފަހަރަށް ބަނގުރޫޓު ވެފައިވާއިރު، އެކުންފުނި ވިއްކާލުމުގެ މަސައްކަތް އިޓަލީގެ ސަރުކާރުން ދަނީ ކުރަމުންނެވެ. އެހެން ނަަމަވެސް އަންނަ މާޗް މަހުގެ 4 ވަނަ ދުވަހު އޮންނަ އިޓަލީގެ އާއްމު އިންތިޚާބުގެ ކުރިން މިމައްސަލައަށް ހައްލެއް ލިބިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް އެޤައުމުގެ ވަޒީރެއް ކަމަށްވާ ކާލޯ ކަލެންޑާ ވަނީ ވިދާޅުވެފައެވެ.
އަލިޓާލިއާގެ 49 އިންސައްތަ ހިއްސާ ކޮންޓްރޯލްކުރަނީ އަބޫދާބީގެ ޤައުމީ އެއަރލައިން އިއްތިޙާދު އެއަރވޭސްއިންނެވެ. 2014 ވަނަ އަހަރު އިއްތިހާދުން އަލިޓާލިއާގެ ހިއްސާ ގަތުމާއި އަދި ޤަތަރު އެއަރވޭސްއިން މިހާރު މެރިޑިއާނާގެ ހިއްސާ ގަތުމަކީ މެދުއިރުމަތީގެ މުއްސަނދި ޤައުމުތަކުގެ ޤައުމީ އެއަރލައިންތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެއަރލައިންތަކުގައި އިންވެސްޓްކުރުމުގެ ސިލްސިލާގެ ބޮޅުތަކެކެވެ.
މެރީޑިއާނާގައި އިންވެސްޓްކުރުމުގެ އިތުރުން ޤަތަރު އެއަރވޭސްއިން ދަނީ އެހެން ބައެއް ދިމަދިމާލުގަވެސް އިންވެސްޓްކުރަމުންނެވެ. މިއީ ޤަތަރާއި ދެކޮޅަށް ގަލްފުގެ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި އެކު ޤަތަރު އެއަރވޭސްއަށްވެސް ކުރިމަތިވި ގޮންޖެހުންތަކާއި ކުރިމަތިލައި، އެކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް ޤަތަރު އެއަރވޭސްއިން މިހާރު ގެންގުޅޭ ސްޓްރެޓެޖީގެ ބައެކެވެ.