ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓި އޮތް ގޮތާއި މެދު މަޖިލިހުގެ ނައިބުރައީސް ރީކޯ މޫސާ މަނިކާއި، ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު ދެބަސްވެވަޑައިގެންފިއެވެ.
އަންގާރަ ދުވަހުގެރޭ ޕީޕިއެމްގެ ރުމާލު 2 ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ، މިވަގުތު މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމްއަށް ނެތް ކަމަށާއި، އެހެން ނަމަވެސް އެ މެޖޯރިޓި އަލުން ހޯދާނެ ކަމަށެވެ.
"...އަޣުލަބިއްޔަތު ހޯދާނަން. އަޅުގަނޑުމެން އަޣުލަބިއްޔަތު ހޯދަން ބޭނުމީ އިޚުލާސްތެރި މެމްބަރުންނާ އެކީގައި. އަޅުގަނޑުމެން ބޭނުމެއް ނޫން ދެފުށަށް ކެނޑޭ މެމްބަރުންނާ އެކީގައި އަޣުލަބިއްޔަތު ހޯދާކަށް،" މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ އެމަނިކުފާނު ކުރިން މައިނޯރިޓިގައިވެސް މަސައްކަތް ކުރެއްވި ކަމަށާއި، އެއީ އަދިވެސް ކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
މޫސަ މިހެން ވިދާޅުވިއިރު، ހަމަ އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓި އަދިވެސް އޮތީ ޕީޕީއެމްއަށް ކަމަށާއި، މެޖޯރިޓީ އޮންނާނީވެސް ޕީޕީއެމްއަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ 21 ގޮނޑިއަކަށް އިޝާރާތް ކުރައްވާ ނިހާން ވިދާޅުވީ އެ ގޮނޑިތަކުގެ ސަބަބުން މަޖިލީހުގައި ޕީޕިއެމްގެ މެޖޯރިޓީ އަދި ނުގެއްލޭ ކަމަށެވެ.
"ދެ ފެނު އެޅިފައި ތިބި 12 މެމްބަރަކާއި ގާސިމް ގެންގުޅޭ ހަތް މެމްބަރުންނާއި އޭނާގެ ގެއްލިފައިވާ ގޮނޑި އާއި ފާރިސްގެ ގޮނޑިއަކުން އަދި އަޅުގަނޑުމެންނަކަށް މެޖޯރިޓީއެއް ނުގެއްލޭނެ،" ނިހާން ވިދާޅުވިއެވެ.
85 މެންބަރުން ތިއްބަވާ މަޖިލީހުގެ މެޖޯރިޓީ ނުގެއްލޭ ކަމަށް ނިހާން ވިދާޅުވި ނަމަވެސް، އަންގާރަ ދުވަހުގެ ހަވީރު ބޭއްވި މަޖިޅިހުގެ ދައުރުން ބޭރުގެ ޚާއްސަ ޖަލްސާގައިވެސް ޕީޕީއެމްއަށް ލިބިފައިވަނީ 38 ވޯޓެވެ. އެއީ މަޖިލީހުގައި ހިމެނޭ މެންބަރުންގެ 44.7 އިންސައްތައެވެ.