ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ލިބިފައިވާ ކުރިއެރުން ހިއްސާ ކުރެއްވުމަށް އެދި މަހުލޫފްގެ ގާނޫނީ ވަކީލު ނާޒިމް ސައްތާރުއަށް އދ ގެ ވޯކިން ގްރޫޕް އޮން އާބިޓަރަރީ ޑިޓެންޝަންއިން ސިޓީއެއް ފޮނުއްވައިފިއެވެ.
ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދައުވާ މަހުލޫފްގެ މައްޗަށް ސާބިތުކޮށް އޭނާގެ މައްޗަށް އިއްވި 6 މަސްދުވަހުގެ ޖަލުގެ ހުކުމުގެ މައްސަލަ އދ ގެ ވޯކިން ގްރޫޕަށް ހުށަހަޅާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މަހުލޫފްގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނަމަވެސް އެ މައްސަލައިގެ އިސްތިއުނާފްގެ އަޑުއެހުންތައް ފެށީ 6 މަސްދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނުތާ 4 މަސް ފަހުންނެވެ. އެ ގްރޫޕުން އޭރު ގޮވާލާފައިވަނީ މަހުލޫފު ވަގުތުން ދޫކޮށްލުމުގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން މަހުލޫފްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.
މި މައްސަލައިގެ ވޯކިން ގްރޫޕުން ގޮވާލި ގޮވާލެއްވުމަށް އަމަލުކޮށްފައިވޭތޯ ބެލުމަށް އެ ގްރޫޕުން މަހުލޫފުގެ ގާނޫނީ ވަކީލަށް ފޮނުއްވި ސިޓީގައި ވަނީ އޭނާ ބަންދުން ދޫކޮށްލައިފިތޯ ކަށަވަރުކުރުމަށް އެދިފައެވެ. ހަމައެހެންމެ މަހުލޫފަށް ލިބުނު ގެއްލުމުގެ ބަދަލު ދެވިފައިވޭތޯ އާއި މަހުލޫފަށް ގެއްލުނު ހައްގުތަކާއި ގުޅިގެން ތަހުގީގެއް ހިންގިފައިވޭތޯ ބެލުން ހިމެނެއެވެ. ހަމައެހެންމެ ބައިނަލްއަގްވާމީ ގާނުނުތަކާއި ހިލާފަށް ރާއްޖޭގެ ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓުވުމަށް ގާނޫނެއް ހެދިފައިވޭތޯ ބެލުމުގެ އިތުރުން ވޯކިން ގްރޫޕުން ގޮވާލީ ގޮވާލުންތަކަށް އިޖާބަ ދިނުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރައްވާފައިވޭތޯ ބެލުން ހިމެނެއެވެ.
UNWGAD asks my lawyer @nazimsat for the progress made in implementing its recommendations on my case.
— Ahmed Mahloof (@AhmedMahloof) February 20, 2018
The progress made is that I’ve been investigated under 4 more charges. Arrested 4 times and summoned 6 times and had to live in exile for 6 months pic.twitter.com/WeX2wB2NxH
މި ސިޓީ އެޓޭޗް ކުރައްވައި މަހުލޫފް ކުރެއްވި ޓްވީޓެއްގައި ސަމާސާ ރާގެއްގައި ވިދާޅުވެފައިވަނީ ލިބިފައިވާ ކުރިއެރުންތަކަކީ ހަތަރު ކުށެއްގެ ތުހުމަތުގައި އޭނާއާ ދެކޮޅަށް ތަހުގީގު ހިންގުމާއި ހަތަރު ފަހަރެއްގެ މަތިން ހައްޔަރުކުރެވި ހަ ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގުމުގެ އިތުރުން އަމިއްލައަށް އަރުވާލެވިގެން ހަ މަސްދުވަހު ދިރިއުޅުއްވުން ހިމެނޭ ކަމަށެވެ.
ވޯކިން ގްރޫޕުން މިހާތަނަށް ގޮވާލާފައިވާ އެއްވެސް ގޮވާލެއްވުމަކަށް ސަރުކާރުން އިޖާބަދީފައިނުވާއިރު މަހުލޫފްގެ މައްސަލައިގައި ވެސް ވޯކިން ގްރޫޕުގެ ގޮވާލުންތަކަށް ސަރުކާރުން ދީފައިވަނީ ބީރު ކަންފަތެކެވެ.