ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް ވަފުދެއް ފޮނުވުމަށް ވިސްނަމުންދާ ކަމަށް އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އޭޝިއާ އެންޑް ދަ ޕެސިފިކް މާކް ފީލްޑް ވިދާޅުވެއްޖެއެވެ.
މާކް ފީލްޑް މިހެން ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި އެމަނިކުފާނަށް އެ މަޖިލީހުގެ މެމްބަރު ހޫގޯ ސްވަޔާ ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ސްވާޔާ ވަނީ ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ އިތުރުން ރައީސް މައުމޫން ހައްޔަރުކޮށް ރާއްޖޭގެ އެކިއެކި ބާރުތަކަށް ރައީސް ޔާމީން އަތްގަދަކޮށް، ކުރައްވަމުން ގެންދަވާ ކަންކަމާއި ގުޅިގެން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެއަށް މަޝްވަރާގެ ވަފުދެއް ފޮނުއްވުމަށް ނުވަތަ އދ އަށް މަޝްވަރާގެ ވަފުދެއް ފޮނުއްވުމަށް ބާރުއެޅުއްވުމުގެ ވިސްނުމެއް ގެންގުޅުއްވާތޯ ސުވާލު އުފައްދަވާފައެވެ.
My question to @MarkFieldUK on the ongoing situation in the #Maldives and the extension of the state of emergency in the country. Glad that the Government will take into consideration my suggestions. pic.twitter.com/cnt1MTlyGU
— Hugo Swire (@HugoSwire) February 20, 2018
މި ސުވާލުތަކަށް ޖަވާބުދެއްވަމުން ފީލްޑް ވިދާޅުވީ ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި އަދި އެ ހަލަތާއެކު ހިފެހެއްޓިފައިވާ އަސާސީ ހައްގުތަކާއި މެދު އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. ހަމައެހެންމެ ސްވަޔާ ވިދާޅުވިފަދައިން ރާއްޖެއަށް މަޝްވަރާގެ ވަފުދެއް ފޮނުއްވުމުގެ މަސައްކަތް ކުރައްވަމުންދާނެ ކަމަށް ފީލްޑް ވިދާޅުވިއެވެ. ހަމައެހެންމެ މި ހާލަތު އުވާލުމަށް ތަކުރާރުކޮށް ރައީސް ޔާމީންއަށް ގޮވާލައްވަމުންދާނެ ކަމަށް ފީލްޑް ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
Share your concern. As I said, UK deeply troubled by situation in #Maldives and will continue to call on President Yameen to peacefully end the state of emergency. @JamesDauris has delivered that message in Male. https://t.co/mNlDw7KSFr
— Mark Field MP (@MarkFieldUK) February 20, 2018
އިނގިރޭސިވިލާތުން އަންނަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. ރައީސް ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ގާނޫނާ ހިލާފަށް މި ގާރާރު ފާސްކުރައްވާފައެވެ.