ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ބާއްވާ އެ މަޖިލީހުގެ ޖަލްސާ އާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމްގެއިން އެ ޕާޓީގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބުދަ ދުވަހު އޮންނާނެކަމަށް ނިހާން ވިދާޅުވި ނަމަވެސް، އެ ޖަލްސާ އޮންނާނެ ވަގުތަކާއި ތަނެއް ނިހާން ވިދާޅެއް ނުވެއެވެ.
މީގެ އިތުރުން ނިހާން ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އަދިވެސް އޮތީ ޕީޕީއެމްއަށް ކަމަށާއި، މެޖޯރިޓީ އޮންނާނީވެސް އެހެން ކަމަށެވެ.
ނިހާން މިފަދައިން ވިދާޅުވި ނަމަވެސް، ބުދަ ދުވަހު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން މަޖިލީހުގެ މެންބަރުންނަށްވެސް، އަދި މީޑިއާއަށްވެސް އަންގާފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުން ޖަލްސާތަކާއި، ކޮމިޓީތަކާއި ގުޅޭ މަޢުލޫމާތު އާންމުކޮށް މީޑިއާ އައި ހިއްސާ ކުރައްވާ އެ މަޖިލީހުގެ އިދާރާގެ އޮފިޝަލް ވިދާޅުވީ އެބޭފުޅާއަށް އެފަދަ މަޢުލޫމާތެއް ލިބިފައި ނުވާކަމަށެވެ.
މަޖިލީހުގެ ޤަވާއިދުގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ ފުރަތަމަ ހޯމަ ދުވަހު ނުވަތަ އެއާއި ވިދިގެން އަންނަ ބުރާސްފަތި ދުވަހު ފަށަން ޖެހެއެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ފުރަތަމަ ހަމަޖައްސާފައި އޮތީ މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެ އެ ޖަލްސާ ވަނީ ކެންސަލް ކޮށްފައެވެ.