ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ބާތިލްވެފައިވާ ކަމަށާއި އެއަށް އެއްވެސް މީހަކު ތަބާވާން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު އިދިކޮޅު ކޯލިޝަނުންގެ ފަރާތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީވެސް ގާނޫނާ ހިލާފަށް ކަމަށާއި އަދި އެ މުއްދަތު އިތުރުކުރީވެސް ގާނޫނާ ހިލާފަށް ކަމަށެވެ.
އިބޫ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތައްވުރެ ރައްޔިތުންނާ ގުޅޭ އެހެން ކަމެއް ނޯންނާނެ ކަމަށާއި އެހެން ކަމުން ކުއްލި ހާލަތުގެ ގަރާރަށް ވޯޓަށް އަހާއިރު މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން މަޖިލީހުގެ ޖަލްސާގައި ތިބެން ޖެހޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަމެއް ކަމަށް ތިމަންނަ ނުދެކެމޭ. އެހެން ކަމަށްވަންޏާމު މި ސްޓޭޓް އޮފް އިމެޖެންސީއަށް އަމަލުކުރާކަށް ނުޖެހޭނެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވޯޓަށް މިއެހީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް އެއްޗެއް ކަމަށް ނުދެކޭތީ އޭ، 43 ބޭނުން ނުވަނީ. އެހެން ކަމަށްވަންޏާމު ރައްޔިތުންގެ ތެރެއިން އެކަކުވެސް އަމަލު ކުރާކަށް ނުޖެހޭނެ. އެއްވެސް މުވައްސަސާއަކަށް ނުޖެހޭނެ،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތާމެދު ގޮތެއް ނިންމުމަށް 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭއިރު 14 ދުވަސް ތެރޭގައި އެ ގަރާރު ހުށަހެޅުއްވުމަކީވެސް ބާތިލް ނިންމުމެއް ކަމަށެވެ.
ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް 30 ދުވަސް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުއްވުން މިރޭ ވަނީ ފާސްކޮށްފައެވެ. މި ގޮތައް ފާސްކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ބައެއް ބަދަލުތައް ގެނައުމަށްވެސް ފާސްކޮށްފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމާ މެދު ސުވާލު އުފެދޭ ހާލަތުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ބާރު ވަނީ ގަރާރުން އުނިކޮށްފައިއެވެ.
މި ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވައެވެ. އަދި މި އިސްލާހްތައް ފާސްކޮށްފައިވަނީ 38 މެމްބަރުންގެ ވޯޓުންނެވެ.