ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައެއްނުގެންނެވިއެވެ.
ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަސް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުއްވުން ރައްޔިތުންގެ މަޖިލީހުން ވަނީ މިރޭ ފާސްކޮށްފައެވެ. މި ގޮތަށް ފާސްކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ބައެއް ބަދަލުތައް ގެނައުމަށް ވެސް ފާސްކޮށްފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމާ މެދު ސުވާލު އުފެދޭ ހާލަތުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ބާރު ވަނީ ގަރާރުން އުނިކޮށްފައިއެވެ.
ވޯޓަށް އެހި އިރު މަޖިލީހުގައި ޕީޕީއެމްގެ މެމްބަރު ނަޝީދު އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އަދި މި އިސްލާހްތައް ފާސްކޮށްފައި ވަނީ 38 މެމްބަރުންގެ ވޯޓުންނެވެ. ނަޝީދާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ އެކު މަޖިލީހުގައި ތިއްބެވީ 40 މެންބަރުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނުހިފެހެއްޓޭނެ ބައެއް ހައްގުތައް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ ގަރާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގައި އަދުލު އިންސާފުގެ ބާރުތަކާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ހިފެހެއްޓިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ގަރާރުގައި ހިފަހައްޓާފައިވާ ގާނޫނު އަސާސީގެ 99، 101، 113، އަދި 228 ވަނަ މާއްދާ ނުހިފެހެއްޓޭނެ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން މިރޭ ރައްޔިތުންގެ މަޖިލީހުން މި ވޯޓު ނަގާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އޭގެ މައްޗަށް ސީދާ އަމަލު ކުރަން ޖެހޭ އެއްޗެއް ނޫން ކަމަށް ބަލައިގެންނެވެ. އެކަމާ މެދު ވެސް ގާނޫނީ ގިނަ ސުވާލުތަކެއް އުފެދިފައިވާއިރު ނަޝީދު ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވީ ކީއްވެ ކަމެއް ނޭނގެއެވެ.
މި ޖަލްސާގައި އިދިކޮޅު މެމްބަރުން ވެސް ބައިވެރިވެވަޑައެއްނުގަންނަވައެވެ. އަދި ނަޝީދު އެ ވޯޓުގައި ބައިވެރިވެވަޑައިގެންފައިނުވާތީ އިދިކޮޅު ފަރާތްތަކުން ވަނީ އޭނާއަށް ޝަކުރު އަދާކުރައްވާފައެވެ.
ނަޝީދުގެ އިތުރުން ޕީޕީއެމްގެ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާލް ވެސް ބައިވެރިވަޑައެއް ނުގަންނަވައެވެ.