ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި މަޖިލީހުގެ ޖަލްސާއަކީ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހުގެ ޗެމްބަރ ދޫކުރައްވައި ނިކުމެވަޑައިގަންނަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ ފިލްޒާ ޗެމްބަރ ތެރެ އިން ނިކުމެވަޑައިގެންނެވީ ޤަރާރާ ގުޅޭ ގޮތުން ވޯޓަށް އަހަން ތައްޔާރުވުމާ އެކު މަޖިލީހުގެ ރައީސް މަސީހު އަރިހަށް ވަޑައިގެންނެވުމަށް ފަހުގައެވެ. ބެލެވޭ ގޮތުގައި އެ ޖަލްސާ އާއި ވޯޓުގެ ސައްހަކަމާ މެދު މަސީހާއި ފިލްޒާއާ ދެމެދު ހިޔާލު ތަފާތުވިއެވެ.
މަހްލޫފް ވިދާޅުވީ ނިކުމެވަޑައިގެންނެވީ އެ ބޭފުޅުންގެ ކުރިމަތިން ކަމަށެވެ. ޖަލްސާ އިން ނިކުމެވަޑައިގަންނަވާ މަންޒަރު ޓީވީން ވަގުތުން ފެންނަމުން ވެސް ދިޔައެވެ
މިކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީން ފިލްޒާއަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ފިލްޒާގެ ބަހެއް ލިބިފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް މެސެޖް ކުރުމުން ވެސް މެސެޖަށް ވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
ޤާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުން އެމައްޗަށް ޢަމަލް ކުރަން ޖެހޭ ކޮންމެ އެއްޗެއް ފާސްކުރުމަށްޓަކައި ނަގާ ވޯޓު މަޖިލީހުގައި ނަގާއިރު މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދަކަށް މެންބަރުން މަޖިލީހުގައި ތިބެ، އެވޯޓުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދުގެ މަޖިލީހުގައި ބައިވެރިވެފައި ވަނީ 40 މެންބަރުންނެވެ. އަދި ވޯޓުގައި ބައިވެރިވެފައިވަނީ 38 މެންބަރުންނެވެ.
ޤާނޫން އަސާސީގައި މިކަން މިހެން ބުނާކަން ފާހަގަ ކުރައްވައި މަޖިލީހުގައި ވޯޓަށް އައްސަވަމުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ މެންބަރުންގެ ދެބައިކުޅައެއްބައި މެންބަރުން މަޖިލީހުގައި ތިބެން ޖެހޭނެ ކަމަށް ބުނާ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ޙާލަތު ނުހިމެނޭ ކަމަށް މަޖިލީހުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެކަން އެ ގޮތަށް ނިންމެވީ ކައުންސެލާގެ ލަފާގެ މަތިން ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅެއް ނުވެއެވެ. ކައުންސެލް ޖެނެރަލްއަކީ މަޖިލީހަށް ބޭނުންވާ ކަންކަމުގައި ގާނޫނީ ލަފާ ދެއްވުމަށް ހުންނަވާ އެންމެ މަތީ ފަރާތެވެ.