މި މަހުގެ 10 ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގަ އާއި ގެންދިއުމަށް ފަހު ލާ އިންސާނީ އަމަލުތައް ހިންގި ކަމަށް އޭރު ހައްޔަރު ކުރި އެމްޑީޕީ ޒުވާނުން ބުނެފި އެވެ.
މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރު ކުރި ފަސް މީހުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމް ވިދާޅުވީ ފުލުހުންގެ އަމުރާ އެއްގޮތަށް ހައްޔަރަށްދާން ތިބި ނަމަވެސް ފުލުހުން އަނިޔާވެރި ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ޒުވާނުންތަކެއް ކުރި އެ މުޒާހަރާއަށް ފުލުހުން ހުރަސްއެޅިއިރު ޕީޕީއެމްގެ އިވެންޓްތަކަށް ފުރުސަތު ދީފައި އޮތުމުން ހަމަހަމަ ކަން ނެތްކަން އެނގޭ ކަމަށެވެ.
"އެ މުޒާހަރާ ބޭއްވުމުގެ ތިން ހަފްތާވަރުކުރިން އަޅުގަނޑު ހުރީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައި. އަޅުގަނޑު ހައްޔަރުކުރަން އުޅުމުން ފުލުހުންނަށް ވަރަށް ބޮޑަށް އެއްބާރުލުން ދިނިން. އެހެން ނަމަވެސް އެމީހުން ތިބީ އެއްބާރުލުން ދިނަސް ނުދިނަސް ގަދަބާރު ބޭނުން ކުރާ ގޮތަށް" މީކާއީލް ވިދާޅުވި އެވެ.
ހަމަ އެހެންމެ ފުލުހުން ވަކި ބަޔަކު ހައްޔަރުކުރަން މަސައްކަތްކުރިއިރު މުޒާހަރާގެ ތެރެއިން އަންހެނުންނާ ފިރިހެން ފުލުހުން އައިސް ކުރިމަތިލުމުން ކަންބޮޑުވުމާއެކު މީކާއިލް ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި ބޭފުޅުން ފާހަގަ ކުރެއްވި ގޮތުގައި ފުލުހުންގެ އަމަލުތައް ގާނޫނީ އިމުން ބޭރުގައި ހުރި ނަމަވެސް މިނިވަން ކޮމިޝަންތަކާމެދުވެސް އިތުބާރު ގެއްލިފައިވާތީ އެ މައްސަލަތައް އެއްވެސް ތަނަކަށް ހުށަހަޅަން ބޭނުންނުވެއެވެ.
ޔޫތު ވިންގުގެ މެމްބަރު ސަފާތު އަހުމަދު ވިދާޅުވީ އޭނާ ހައްޔަރުކުރި ވަގުތު ފުލުހުން އަނިޔާވެރިވި ކަމަށާއި އަދި ނުކުރާ ކުށްތަކެއްގެ ތުހްމަތު އެމީހުންގެ ބޮލުގައި އަޅުވާފައިވާ ކަމަށެވެ. އަދި ހައްޔަރު ކުރި ވަރަށް ހުތުރު ބަސްތައް ބޭނުން ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުވެސް ހަމަ ހައްޔަރުކުރެވުނު ވަގުތު އެތަނުން ދުރަށްދާށޭ ބުނީމަ އެތަނުން އެ ވަގުތު ދަނިކޮށް ގަދަ ބާރުން ހިފާ ނަގައި، ވަރަށް ހަޑި ހުތުރުބަހުން މުހާތަބުކޮށް ވާހަކަވެސް ދެއްކީ،" އޭނާ ވިދާޅުވި އެވެ.
ޔޫތު ވިންގުގެ މެމްބަރު އަދި ގާނޫނީ ވަކީލް ޝީނާ މުހައްމަދު ވިދާޅުވީ ކުއްލި ނުރައްކާތެރި ހާލަތެއް ކަމަށް ބުނެ ސަރުކާރުން ނުހިފެހެއްޓޭނެ އެތައް ހައްގެއް ހިފަހައްޓާފައިވާ ކަމަށެވެ.
"އަޅުގަނޑުމެނަށް އެބަ ފެނޭ ކުއްލި ނުރައްކަލުގެ ހާލަތަށް ބެލުމެއް ނެތި ސަރުކާރަށް ތާއީދުކުރާ ޒުވާނުން ވިއަސް އެހެން ރައްޔިތުން ވިއަސް ސިޔާސީ ހަރަކާތްތައް ހިންގާތަން ފުލުހުންގެ ރައްކާތެރިކަމާއެކު. އެހެން ނަމަވެސް އަޅުގަނޑުމެން ނިކުތީމަ އަޅުގަނޑުމެނަކީ ބޮޑެތި މުޖުރިމުން ކަމަށްބަލައި އަޅުގަނޑުމެނާމެދު ލާ އިންސާނީ ގޮތްތަކަށް އަމަލު ކުރެވެމުން މިދަނީ،" ޝީނާ ވިދާޅުވި އެވެ.
މި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލު ވިދާޅުވީ ހަނު ހުރުމުގެ ހައްގު ބޭނުން ކުރި ނަމަވެސް ސުވާލު ކުރާނެ ކަމަށް ވިދާޅުވެ ފުލުހުން ސުވާލު ކުރަމުންދިޔަ ކަމަށެވެ. ދޫނިދޫގައި އޭނާ ބަންދުކޮށްފައި ހުރިއިރު ފުލުހުންނަށް ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ މައުލޫމާތު ރަނގަޅަށް ނޭނގޭ ކަން ފާހަގަ ކުރެވުނު ކަމަށް ރައްޔާން ފާހަގަ ކުރެއްވި އެވެ. އަދި ދޫނިދޫގައި ވެސް ފުލުހުންގެ ފަރާތުން އެކި ކަހަލަ އިންސާނިއްޔަތާ ހިލާފު ވާހަކަތައް އިވުނު ކަމަށް ރައްޔާން ފާހަގަ ކުރެއްވި އެވެ.