ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސް ކޮށްފައި މިވަނީ މިއަދު ހަވީރު ދައުރުން ބޭރުން ބޭއްވި ޚާއްޞަ ޖަލްސާގައި 40 މެންބަރުން ބައިވެރިވެ ވޯޓު ދިން 38 މެންބަރުންގެ އިއްތިފާގުންނެވެ. ކާޑުކޮޅު ޖެއްސެވި ނަމަވެސް މަޖިލީހުގެ ވޯޓުގައި ބައިވެރިވަޑައި ނުގަންނަވަނީ ކޮން މެންބަރެއް ކަމެއް ސާފެއް ނުވެއެވެ.
ޤާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައްޔިތުން އެމައްޗަށް ޢަމަލް ކުރަން ޖެހޭ ކޮންމެ އެއްޗެއް ފާސްކުރުމަށްޓަކައި ނަގާ ވޯޓު މަޖިލީހުގައި ނަގާއިރު މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން އަދަދަކަށް މެންބަރުން މަޖިލީހުގައި ތިބެ، އެވޯޓުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 38 މާއްދާގައި ބުނެފައިވާ، އެމަޖިލީހުން ފާސްކުރާ ރައްޔިތުން އެމައްޗަށް ޢަމަލް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ނިންމުން ނުހިމެނޭ ކަމަށް މަޖިލީހުގެ ރައީސް މަސީހު ވިދާޅުވިއެވެ.
މަޖިލީހުން ފާސްކޮށްފައި ވަނީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ގެނައި ބައެއް އިސްލާހުތަކާ އެކުގައެވެ. ހޯމަ ދުވަހުގެ ޖަލްސާގައި ކޮމިޓީ އަށް ފޮނުވުމަށް ނިންމުމާ އެކު އިއްޔެ ޖަލްސާއެއް ބާއްވައި ވަނީ އިސްލާހުތަކެއް ފާސްކޮށްފައެވެ. ނަމަވެސް 43 މެންބަރުން ހަމަކޮށްގެން ޖަލްސާއެއް ނުބޭއްވޭތީ މިއަދުގެ ވަގުތެއްގައި ބޭއްވި ގައުމީ ސަލާމަތުގެ ބައްދަލުވުމުގައި ވަނީ އާ އިސްލާހެއް ގެނެސްފައެވެ. މިއަދު މެންދުރު 1:30 ގައި ބާއްވަން މަސައްކަތްކުރި ޖަލްސާ ބޭއްވިފައި ވަނީ ހަތަރު ފަހަރެއްގެ މަތިން ފަސްކޮށްގެންނެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ 43 މެންބަރުން ތިބެގެން ފާސްކުރަންޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ހާލަތުގެ ގަރާރު ހިމެނޭ ކަމަށް ނުފެންނާތީ އެކަމާ މެދު ސުޕްރީމް ކޯޓުގެ އިސްތިސާރީ ލަފަޔަކަށް އެދުމަށެވެ.