ދިވެހިރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ހާލަތުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އިންޑިއާ އިން ބުނެފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މިރޭ ނިމިގެންދާނެ ކަމަށާއި، ކުއްލި ހާލަތުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ކުއްލި ހާލަތު އުވާލުމަށް ފަހު ގާނޫނޫ އަސާސީގައި ވާގޮތަށް، މިނިިވަން މުއައްސަސާތަކަށް މިނިވަންކަމާއި، ހަމަހަމަކަމާއި ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރަން ފުރުސަތު ދޭންޖެހޭ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.
މި ބަޔާނުގައި، 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތާންފީޒުކުރަން ވެސް އިންޑިއާ އިން އަނެއްކާ ވެސް ގޮވާލިއެވެ.
"ދިވެހި ރައްޔިތުންގެ އުއްމީދުތައް ފުއްދުމަށާއި ބައިނަލްއަގްވާމީ ދުނިޔޭގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ވުމުގެ ގޮތުން ޑިމޮކްރަސީ އާއި ގާނޫނީ ވެރި ކަމަށް ރާއްޖެ އަނބުރާ ދިއުން މުހިއްމެ،" އިންޑިއާ އިން ބުންޏެވެ.
ކުއްލި ހާލަތުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އިންޑިއާއިން ބުނެފައިވާއިރު، ކުއްލި ހާލަތުގެ މުއްދަތު 45 ދުވަހަށް އިތުރުކުރުމަށް އެދި ސަރުކާރުން ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. ގަރާރު މަޖިލީހުން ބަލައިގަނެ، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފައިވާއިރު، މިއީ ރައްޔިތުންގެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަމެއް ކަމެކެވެ. އެހެންކަމުން މިފަދަ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްވާނީ މުޅި މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަކުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 85 އެވެ. އެހެންކަމުން މިފަދަ މައްސަލައަކަށް ވޯޓަށް އަހާއިރު މަދުވެގެން 43 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބަވަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކާއި ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.