ކުއްލި ނުރައްކަލު ހާލަތުގެ ގަރާރު ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދު ހަމަނުވިޔަސް ވޯޓް ނެގުން ކުރިއަށް ގެންދަން ޕީޕީއެމް އިން ނިންމައިފިއެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ ށ. ގައި ބުނެފައިވާ ގޮތުގައި ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހާންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން، އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ. ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު، ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ނިންމާފައިވާ ކަމަށް، އެ ޕާޓީގެ މެމްބަރަކު ވިދާޅުވިއެވެ.
މައުލޫމު ދެއްވި މެންބަރަކު ވިދާޅުވި ގޮތުގައި މިއަދު މެންދުރު ބޭއްވި ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުން މިގޮތަށް ނިންމީ ކުއްލި ނުރައްކަލުގެ ގަރާރު ފާސްކުރަން ބޭނުންވާ ގާނޫނީ އަދަދުކަމުގައިވާ 43 މެމްބަރުން ހާޒިރުކުރެވޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.
ޖަލްސާ ބޭއްވުން ފަސްކުރަމުން ދިޔައީ ވެސް މެމްބަރުން ހަމަކުރެވޭތޯ ބެލުމަށް ކަމަށާއި ނަމަވެސް އެންމެ މެމްބަރަކު ވެސް ގުޑާނުލި ކަމަށް އޭނާ ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރުމަށްޓަކައި ބޭނުންވާ 43 މެމްބަރުން ހަމަކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ބޮޑެތި ކަންތައްތަކެއް ހުށަހަޅަމުންދާ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ.
"ބަންދުކޮށްފައި ތިބި މީހުން ދޫކޮށްލަން ވެސް އެބަ ހުށަހަޅާ. އެކަމަކު އިދިކޮޅު ފަރާތްތަކުން ތިބީ ވަރަށް ބަދަހިކޮށް، ރައްޔިތުންނާ އެކު،" އޭނާ ވިދާޅުވިއެވެ.