ތަފާތު އެކި ހުކުމްތަކުގައި 33 އަހަރަށް ވުރެ ގިން މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް، އަހުމަދު އަދީބް ދޫނިދޫ ޖަލުން އަނެއްކާ ވެސް މާފުށީ ޖަލަށް ބަދަލު ކުރަން އުޅޭ ކަމަށް އަދީބް އާއިލާ އިން ބުނެފިއެވެ.
އަދީބްގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އަދީބްގެ ފޯން ކޯލެއް މިއަދު ލިބުނު ކަމަށެވެ. އަދި މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ދޫނިދޫ ޖަލުން މާފުށީ ޖަލަށް އަނެއްކާ ވެސް ބަދަލު ކުރާނެ ކަމަށް އަންގާފައިވާ ކަމަށް އަދީބް ވިދާޅުވި ކަމަށް ނަޝްވާ ވިދާޅުވިއެވެ.
Adeeb made contact just now through family call and informed that he is going to be transferred to Maafushi this afternoon.
— Nash (@maryam_nashwa) February 20, 2018
ދޫނިދޫ ޖަލަށް އަދީބް ބަދަލުކޮށްފައި ވަނީ ސުޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ސިޔާސީ ނުވަ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް ކުރި އަމުރަށް ފަހު މާފުށީ ޖަލަށް ބަދަލުކުރުމަށް ފަހުގައެވެ. އަދީބް ވެސް މިނިވަން ކުރަން އަމުކުރި ލީޑަރުންގެ ތެރޭގައި ހިމެނިފައިވީ ނަމަވެސް ސަރުކާރުން ވަނީ އަދީބް މިނިވަން ނުކޮށް، މާފުށީ ޖަލަށް ބަދަލުކޮށްފައެވެ.
މާފުށީ ޖަލުން ދޫނިދޫ ޖަލަށް އަދީބް ބަދަލުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހު ވަނީ ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން ވެސް މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފައެވެ.