މިހާރު ސުޕްރީމް ކޯޓުގެ ސީލް ޖަހަނީ ފަނޑިޔާރުންނަށް ބިރުދައްކައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ސިއްކައަކީ އުއްތަމަ ފަނޑިޔާރު އަންގާ ގޮތެއްގެ މަތިން ބޭނުންކުރަންޖެހޭ އެއްޗެއްކަން ވަރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް މިހާރު ސުޕްރީމް ކޯޓުގެ އަމުރުތަކުގައި ސީލް ޖަހަނީ ފަނޑިޔާރުންނަށް ބިރުދައްކައިގެން އެމްއެންޑީއެފުން ކަން ޔަގީން ކަމަށެވެ.
މަހުލޫފްގެ ޓްވީޓްގައި ވަނީ ގާނޫނުގައި ބަޔާން ކޮށްފައިވާ "ސުޕްރީމް ކޯޓުގެ ސިއްކަ" އަދި ސިއްކަ ޖެހޭނެ ގޮތް ކަނޑައަޅާފައިވާ ބައި އެޓޭޗްކުރައްވާފައެވެ.
Supreme Court ge sikka akee Uthama Fandiyaaru angaa gotheh ge mathin beynun kuranjehey echehkan varah saafukoh qaanoonuga bayaan koffa ovva, mihaaru SC ge amuruthakuga seal jahanee fandiyaarunnah birudhakkaigen MNDF inn kan yageen pic.twitter.com/ANB2NL0cip
— Ahmed Mahloof (@AhmedMahloof) February 20, 2018
ކޯޓުތަކުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ބޭނުމަށް ސުޕްރީމްކޯޓުގެ ވަކި ސިއްކައެއް އޮންނަން ވާނެއެވެ. ސުޕްރީމް ކޯޓުގެ ނިންމުންތައް ލިޔެ ގަރާރު ކުރެވޭ އެކޯޓުތަކުގެ ކިޔުންތަކުގަޔާއި ފަނޑިޔާރުން ނުވަތަ ފަނޑިޔާރަކު ސޮއިކޮށްފައިވާ ސުޕްރީމްކޯޓުގެ ކޮންމެ ލިޔުމެއްގައި އެ ސިއްކަ ޖަހަންވާނެއެވެ. ބުނެވި ދިޔަ އެއްވެސް ލިޔުމެއް ސިއްކައާ ނުލައި ސައްހައެއް ނުވާނެއެވެ.
އެމާއްދާގެ(ށ) ގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރު ނުވަތަ ރަޖިސްޓްރާ ލިޔުމުން ދީފައިވާ ހުއްދައެއް ނެތި އެއްވެސް ލިޔުމެއްގައި ސުޕްރީމް ކޯޓުގެ ސިއްކަ ޖަހައިގެން ނުވާނެ ކަމަށެވެ. މި ދެ ބޭފުޅުން ވެސް މި ވަގުތު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ފެބްރުއަރީ 1 ގައި ސުޕްރީމްކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާއިރު ސަރުކާރުން ވަނީ ފެބްރުއަރީ 5 ވަނަ ދުވަހު ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ރަޖިސްޓްރާ ހައްޔަރު ކޮށްފައެވެ. އެ އަށް ފަހު ފެބްރުއަރީ 1 ގައި ނެރުނު އަމުރު ބާތިލް ކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރާއި ރަޖިސްޓްރާ ބަންދުގައި ބޭތިއްބުމަށް ފަހު ހުއްދައަކާ ނުލައި ކަމަށް އެކި ފަރާތްތަކުން ދަނީ ބުނަމުންނެވެ.