ސަރުކާރާ މެދު ހިތްހަމަ ނުޖެހިގެން ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުން އިސްތިއުފާ ދިން ހުސައިން އަހުމަދަކީ މަސައްކަތަށް ފަރުވާކުޑަ މަސްއޫލިއްތު އަދާ ނުކުރުމުގެ ސަބަބުން އެތައް ފަހަރެއްގެ މަތިން ނަސޭހަތްދެވިފައިވާ ފަރާތެއް ކަމަށާއި އޭނާ މަގާމުން އިސްތިއުފާދިނީ ވަޒީފާ އިން ވަކި ކުރާނެ ކަމަށް ހީވުމުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، އެކުންފުނީގައި މަސައްކަތް ކުރި ހުސައިން އަހުމަދަށް ވަޒީފާ ދީފައި ވަނީ 2014 ވަނަ އަހަރުގެ މަރޗު 3 ވަނަ ދުވަހު ކަމަށާއި އެމްޕީއެލް ހުޅުމާލެ ޓަރމިނަލް ހިންގުމަށް ހުސައިން އަހުމަދާ ހަވާލު ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ހުޅުމާލޭ ޓަރމިނަލްގެ ވެރިއެއްގެ ހައިސިއްޔަތުން ހުޅުމާލެ ޓާމިނަލް ހިންގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ގާބިލުކަން ނެތުމާއި މަސައްކަތައް ފަރުވާކުޑަވުމުން 2015 ވަނަ އަހަރު މާލެ ނޯތު ހާބަރގެ ވެރިޔާގެ އެހީތެރިއެއްގެ ގޮތުން މަސައްކަތް ކުރުމަށް އޭނާ ބަދަލު ކުރި ކަމަށެވެ.
ޑިޕާޓްމެންޓުން ހަވާލު ކުރެވިފައިވާ މަސައްކަތް ޒިންމާދާރުކަމާ އެކު އަދާ ނުކުރުމުގެ ސަބަބުން 2016 ވަނަ އހަރު ޕޯޓް ކޮމްޕްލެކްސްގެ ވެރިޔާގެ އެހީތެރިއަކަށް ބަދަލު ކުރެވުނު ކަމަށް އެމްޕީއެލް އިން ބުނެއެވެ. އޭގެ ފަހުން ހުސައިން އަހުމަދު ވަނީ ތިލަފުށި ވެސަލް ރިޕެޔަރ ޔާޑަށް ވެސް ބަދަލުކޮށްފައެވެ.
ތިން އަހަރުގެ ތެރޭގައި އެކި ޑިޕާޓްމެންޓްތަކަށް ބަދަލު ކުރެވިފައި ވަނީ ހުސައިން އަހުމަދުގެ ފަރާތުން ހިންގުމުގެ ދާއިރާގައި ގާބިލިއްޔަތުކަން ނެތުމާއި ވަޒީފާގެ މަސްއޫލިއްޔަތާއި ޒިންމާތައް ފުރިހަމައަށް އަދާކޮށްފައި ނުވާތީ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެގޮތުން އެމްޕީއެލް އިން އެތަށް ފަހަރެއްގެ މަތިން ނަސޭހަތްތެރިވެފައިވާ ކަމަށާއި އެ ކުންފުނިން އެތަށް ފުރުސަތެއްވެސް ހުސައިން އަހުމަދަށް ދެވުނު ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
ފަރުވާކުޑަކުރުމާއި މަސައކްަތުގެ މަސްއޫލިއްތަުތައް އަދާކުރެވިފައި ނެތުމުން އެ ކުންފުނިން ވަޒީފާއަށް ވަކި ކުރާނެ ކަމަށް ހީވުމުން ސިޔާސީ ހަލަބޮލިކަމުގެ ފައިދާ ނެގުމުގެ ގޮތުން ކަން ކުރެއްވި ގޮތް ކުށްވެރިކުރާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
ހުސައިން އަހުމަދު އިސްތިއުފާދެއްވައި އެކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމަށް ފޮނުވި ސިޓީގައި ހުސެއިން ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީނާއެކު ހުންނެވީ އެމަނިކުފާނަކީ އަދުލުވެރި ވެރިއެއް ކަމަށް އުއްމީދުކޮށްގެން ކަމަށެވެ. ނަމަވެސް ދައުލަތް ހިންގުމުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އެކަންކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެތައް ބަޔަކު ނުހައްގުން ޖަލަށް ލާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ
ހުސައިން އަހުމަދު މީޑިއާތަކުގައި ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނެރޭ އަމުރުތަކަށް ފާޑު ކިޔައި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން އަދި އެ ކުންފުނި ބަދުނާމުވާ ގޮތަށް ހާމަކުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު އަދި ދޮގު މައުލޫމާތުތަކެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެ ކުންފުންޏަކީ ސަރުކާރު 100 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށްވެފައި އެ ކުންފުނިން ވެސް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ވަޒީފާގެ ފުރުސަތުތައް ގާއިމްކޮށް އެ މުވައްޒަފުންނަކީ ގާބިލް ރަނގަޅު މުވައްޒަފުންނަށް ހެދުމަށް މަސައްކަތް ކުރާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ހުސައިން އަހްމަދުގެ ބަހެއް ހޯދުމަށް އޭނާއާ ގުޅޭ ގޮތް ވަނީ ނުވެފައެވެ.
ހުސައިން އަހްމަދު މަގާމުން އިސްތިއުފާދެއްވައި އެކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމަށް ފޮނުވި ސިޓީގައި ހުސެއިން ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީނާ އެކު ހުންނެވީ އެމަނިކުފާނަކީ އަދުލުވެރި ވެރިއެއް ކަމަށް އުއްމީދުކޮށްގެން ކަމަށެވެ. ނަމަވެސް ދައުލަތް ހިންގުމުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އިރު އެކަންކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެތައް ބަޔަކު ނުހައްގުން ޖަލަށް ލާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.